މަސްތުވާ އެއްޗެއް މަސްތުވުމަށް ބޭނުންކުރަން ހުއްދަކުރުމާއި މަސްތުވާ މާއްދާއެއް ހިމެނޭ ބާވަތެެއް ސިއްޙީ ބޭނުމަށް ބޭނުންކުރާ އެއްޗެއް ހުއްދަ ކުރުމަކީ ދެކަމެއްކަމަށް ވިދާޅުވެ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމަވާފައިވާ އަދި މާލޭ ސިޓީ މޭޔަރުކަމަށް ވެސް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވީ މަސްތުވާތަކެތީގެތެރޭގައި ހިމެނޭ “ކެނަބިސް“ ބޭސްފަރުވާއަށް ބޭނުންކުރަން ޤާނޫނީގޮތުން ހުއްދަކުރުމަށް ފެނިވަޑައިގަންނަވާކަމަށް ވިދާޅުވެ ޚުދު އަލްހާން ކުރެއްވި ޓްވީޓަކާއި ގުޅިގެން ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވި ރައްދަކާއި ގުޅިގެންނެވެ.
ޑރ.މުޢިއްޒު ވިދާޅުވީ ސިއްހީ ބޭނުމަކަށްކަމަށް ވިދާޅުވެ ކެނަބިސް ނުވަތަ އެނޫންވެސް ޑްރަގެއްވިޔަސް ހުއްދަކުރުމަކީ ޤައުމުގެ މުސްތަޤުބަލަށް ނުރައްކާތެރިކަމެއް ކަމަށާއި ސިއްހީ ކަންކަމަށޭ ކިޔާފައި ދޭ ހުއްދަ ދުވަސްތަކަކަށްފަހު ބަދަލުވެގެންދާނީ ޢާންމު ހުއްދައަކަށް ކަމަށެވެ. އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ކަންކަންވެފައިހުރީ އަދި ވެގެންދަނީ އެފަދައިންކަމަށް ވެސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
މި ގޮތުން މުޢިއްޒުގެ މި ވާހަކަތަކަށް ދެއްވި ރައްދުގައި އަލްހާނު ވިދާޅުވީ މަސްތުވާ އެއްޗެއް މަސްތުވުމަށް ބޭނުންކުރަން ހުއްދަކުރުމާއި މަސްތުވާ މާއްދާއެއް ހިމެނޭ ބާވަތެެއް ސިއްޙީ ބޭނުމަށް ބޭނުންކުރާ އެއްޗެއް ހުއްދަ ކުރުމަކީ ވަކި ދެކަމެއްކަމަށެވެ. އަދި މިހާރުވެސް އެފަދަ ބޭސް ނުވަތަ ޑްރަގްސް ބޭސްކުރުމަށް އެތެރެކުރާކަމަށް ވެސް އަލްހާން ވަނީ ފާހަގަކުރައްވާފައެވެ.
އޭގެ އިތުރުން އަލްހާންވަނީ އެނގޭ މީހުންނާއި ނޭނގޭ މީހުން އެއްވަރުވާނެތޯ ސުވާލުކުރައްވާފައެވެ.