އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ޖަލުގައި ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމިނު ޢަބްދުލްޤައްޔޫމް ވަގުތުން ގެއަށް ބަދަލުކުރެއްވުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ގޮވައިލައްވައިފިއެވެ.
އާދަމް ޝަރީފް މި ފަދައިން ގޮވައިލެއްވީ ޖަލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ގެއަށް ބަދަލުކުރުމުގެ ސަބަބުންނެވެ. ކަރެކްޝަނުން ބުނިގޮތުގައި އަދީބު ގެއަށް ބަދަލުކުރީ އޭނާގެ ބަލިހާލަތު ހުރިގޮތުން ކޯޓުގެ ހުއްދައާއި އެކުގައެވެ.
މި ގޮތުން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނު ވެސް ވަގުތުން ގެއަށް ބަދަލުކުރެއްވުމަށް ގޮވައިލައްވާ ކަމަށެވެ.
ސަރުކާރުގެ މި ތަފާތުކުރުންތަކަށް ފާޑުކިޔުއްވަމުން އާދަމް ޝަރީފް ވިދާޅުވީ ’ކުޑަ ކެކުރި-ބޮޑު ކެކުރި“ ގެ އުސޫލުކީ ނާއިންސާފު އަނިޔާވެރި އުސޫލެއް ކަމަށާއި އެއީ ދިވެހިން ބަލައިގަންނާނެ އުސޫލެއް ވެސް ނޫންކަމަށެވެ. އަދި އެއީ ނާތަހުޒީބީ ސިފައެއްކަމަށް ވެސް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީން ގެންދަވަނީ 05 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އިދިކޮޅު ކޯލިޝަނުން ބުނާގޮތުގައި އެއީ ސިޔާސީ ޙުކުމެކެވެ. އަދި އެ ޙުކުމަކީ އިންސާފުގެ އިމުން ބޭރުގައި ކޮށްފައިވާ ޙުކުމެއްކަމަށް ވެސް އިދިކޮޅުން ފާހަގަކުރެއެވެ. ނަމަވެސް ރައީސް ޔާމިނުގެ މައްޗަށް އިތުރު ދެ ދަޢުވާއެއް އުފުލައި ޝަރީއަތް ހިނގަމުން އެބަ އާދެއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި އަދީބުއަށް ބަލާއިރު އެ މަނިކުފާނު ވަނީ ދަޢުލަތުން އުފުލި ހަތް ދަޢުވާއަށް ވެސް އިޢުތިރާފުވެވަޑައިގެންފައެވެ. އަދި އެ ކަމަކީ ރައީސް ޔާމިނު މުގުލުގައި ހުންނަވައިގެން ހިންގި ޢަމަލުތަކެއްކަމަށް ވެސް އަދީބު ވިދާޅުވެފައިވެއެވެ.