އަށްވަނަ ވަނަ އެޕިސޯޑު
މަރިޔަންދިއަށް ފެނުނީ ނަދީމު ކައުންޓަރު ތެރޭ އިންދެގެން ލައިޓަރެއް ކަނޑައިގެން ކޮންމެވެސް މަސްތުވާ އެއްޗެއް ބޭނުން ކުރާތަނެވެ. މަރިޔަންދީ ކުޑައިރުކޮޅަކު އެތަން ބަލަން ހުރެފައި ގޮސް ފިހާރައަށް ވަނެވެ. މަރިޔަންދީ ވަނުމާއެކު ނަދީމު ވަގުތުން ލައިޓަރ ނިއްވާލިއެވެ. އަދި މަސްތު ވުމަށްޓަކައި ބޭނުން ކުރަމުން ދިޔަ އެތި ބިންމަޢްޗަށް ވައްޓާލިއެވެ. އެއާއެކު ފޯނު ނަގާ ފޯނުގެ ފްލެޝް ލައިޓް ޖައްސާލިއެވެ. އޭރު މަރިޔަންދީ ހުރީ ފިހާރައަށް ވަދެގެން އައިސް ކައުންޓަރު ބުޑުގައެވެ. “ ކީތް ތިކުރަނީ ؟ އަނެއްކާވެސް އެކަންތައް ފެށީދޯ .“ މަރިޔަންދީ ރުޅިއައިސްފައި ބުންޏެވެ. “ ކޮންކަމެއް، ނުކުރަން އެއްކަމެއްވެސް. “ ނަދީމު ހާސްވެފައި ބުންޏެވެ. ދޮގު ނުހަދާ ދައްތައަށް ފެނިގެންނޭ މިބުނީ ، ދެންމެ ލައިޓަރު ކަނޑައިގެން ވަހެއްނު ތިއެރުވީ. “ މަރިޔަންދީ ނުރުހިފައި އެހެން ނަމަވެސް މަޑުމަޑުން ބުންޏެވެ. “ އަހަންނެއް ވަހެއް ނާރުވަން، އަހަރެން ލައިޓަރު ކެނޑީ އުއްބައްތިއެއް ދިއްލަން ވެގެން. ދޮންތަ އަދިވެސް އަހަންނަށް ޝައްކު ކުރުން ހުއްޓާލާކަށް ނުވޭތަ ؟ “ ނަދީމު އުއްބައްތިއެއް ނަގާ އެއުއްބައްތި ރޯކުރަމުން ބުންޏެވެ. “ ނަދީމޫ ! ތިވަރަށް ދޮގުނުހަދަބަލަ، ހެޔޮނުވާނެ ، މިތަނުން މިދުވާ ވަހުން ވެސް ދޮންތައަށް އެނގެއޭ ، އޮޅުވާލަން ނޫޅެބަލަ، ނަދީމު ތިކަން ނުހުއްޓާކަން ވެސް އަދި ނަދީމުއަށް ތިކަމެއް ނުހުއްޓޭނެކަން ވެސް ދޮންތައަށް އެނގެއޭ، ތިކަން ކުރަންޏާ ވެސް ތަންކޮޅެއް ސިއްރުން މީހުންނަށް ވަގަށް ކޮށްބަލަ ، ފަޅާއެރީމައި ދެރަވާނީ ވެސް ހަމަ ނަދީމަށް ، ދޮންތަބެއަށް އެނގިއްޖެއްޔާ މިފިހާރައިގައި ވެސް ދެން ނަދީމަކަށް ނީނދެވޭނެ، އެހެންވީމަ ފިހާރައިގަ އުޅޭ ވަގުތުތަކުގަ ތިކަން ނުކުރާތި، ނަދީމު ގެއަށް ގޮސް ކޮޓަރީގަ ކުރާނެ ކަމެއް ކުރިއަސް ދޮންތައަށް ވަރިހަމަ، އިނގޭ.“ މަރިޔަންދީ ސިއްރުން ވައިޢަޑުން އެހެން ބުނުމުން ނަދީމު އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ. “ އުއްބައްތި އެބަހުއްޓެއްނު، ގޭ ހިސާބުގަ ޖަހާފައި ދީބަލަ ދެތިން އުއްބައްތި.“ މަރިޔަންދީ ބުންޏެވެ. ނަދީމު އުއްބައްތި ފޮށިން ތިން އުއްބައްތި ނަގާ މަރިޔަންދީގެ އަތަށް ދިނެވެ. މަރިޔަންދީ ނަދީމުއަށް ބަލާލާފައި ދެން ގޮސް ފިހާރައިން ނުކުމެއްޖެއެވެ.
ގަސް ގަހާގެހިން ފުރިފައިވާ ވާބޯ މިރަށުގެ ވަލުމަގަކުން ވީލް ބަރޯއެއް ދުއްވަމުން އެދަނީ ޖައިލަމްއެވެ. ވީލް ބަރޯ ތެރޭގައި ކަތިވަޅިއެއް އޮތެވެ. ޖައިލަމްގެ ފަހަތުން ޖުމާނާ ވެސް އެބަދެއެވެ. ދެކުދިން އެދަނީ އެކުދިންގެ ބައްޕަ ރާމިޒުގެ ރުއްގަނޑަށެވެ. އެކުދިންގެ މައްމަ މަރިޔަންދީ ބުނެގެން ފިހާރައިގަ ވިއްކަން ހަވާދު ހަނާ ކުރުމަށްޓަކައި ކާށި ހޮވާށެވެ. ފިހާރަ ހުޅުވީއްސުރެން ވެސް ކާށި ހޮވަން ވަލަށް ދިއުމަކީ އެކުދިން ގަވާއިދުން ކޮންމެ ހަފްތާއަކު އެއްދުވަހު ކުރަމުން އަންނަ މަސައްކަތެކެވެ. އެގޮތުން ބައެއް ދުވަސް ދުވަހު ޖުމާނާމެންނާއެކު ޖާވިދުވެސް ވަލަށް ދެއެވެ. އެހެން ނަމަވެސް މިއަދު މިދަނީ މިދެކުދިން އެކަންޏެވެ.
ޖުމާނާމެން ގޮސް އެކުދިން އާންމުކޮށް ކާށި ހެހޭ ބޮންބި ފުނީގެ ކައިރީގައި ހުރި ފޭރާއެއްގެ ކައިރީގައި ވީލް ބަރޯ ބާއްވައިފިއެވެ. އެއަށްފަހު ދާދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުދޭވަރަކަށް ކާށި ހޮވައިފިއެވެ. ކާށި ހޮވާ ނިމިގެން ، ފޭރާ ދޮށަށް ހުރިހާ ކާއްޓެއް އެއްކުރުމަށްފަހު ޖައިލަމް ފެށީ ކާށިތައް ހެހޭށެވެ. ޖުމާނާ އެތާހުރި މިދިލިގަސްތަކުން ދޮން މަދު ( ގޮބު ) ބިންނަމުން ކަމުން ގެންދިޔައެވެ. ހުރިހާ ކާއްޓެއް ހެހެ ނިމިއްޖެއެވެ. އޭރު ޖައިލަމް ހުރީ ދާހިއްލާ ފޯވެފައެވެ. ބޮލުން މޫނުމައްޗަށް ފައިބަމުން ދިޔަ ދާ ފޮހެލުމަށްފަހު ޖުމާނާ ކޮބާތޯ ޖައިލަމް ބަލާލިއެވެ. އޭރު ޖުމާނާ ހުރީ ތަންކޮޅެއް ދުރުގައި ކަމުން ޖައިލަމް ޖުމާނާއަށް ގޮވާލިއެވެ. ދެތިން ފަހަރަށް ގޮވާލުމުން ޖުމާނާއަށް ޖައިލަމްގެ އަޑު އިވުނެވެ. ޖުމާނާ މަދު ބިނުން ހުއްޓާލުމަށްފަހު ޖައިލަމްގެ ގާތަށް ދާން ހިނގައިގަތެވެ. އޭރު ޖުމާނާގެ އެއް އަތުގައި ދެމަދު އަދި އަނެއް އަތުގައި އެއް މަދު އޮތެވެ. ޖުމާނާ ގޮސް ޖައިލަމްގެ ގާތަށް ހުއްޓި ޖައިލަމްއަށް އެތަނުން މަދެއް ދިއްކޮށްލިއެވެ. “ ނުކާނަން، ދޮންތާ ކޮބާތަ ފެންފުޅި ؟ ވަރަށް ފެންބޮވާ ދުވަހެއް މިއީ“ ޖައިލަމް ވަރުބަލި ރާގެއްގައި ބުންޏެވެ. “ ނުގެންނަން، ފެންފުޅިއެއް ގެންނާކަށް ނުބުނަމެއްނު، އެހެންވެ ނުގެނެއީ، ދެން ކިހިނެއް ހަދާނީ ، ކުރުނބާ އަޅަން ހިނގާ. “ ޖުމާނާ ކުޑަކޮށް ހެވިފައި ބުންޏެވެ. “ ޔަގީން މަލައްވާ ރުކަށް އަރުވަންވެގެންކަން ފެންފުޅިއެއް ނުގެނެއީ، ނޫޅެން ރުކަށް އަރާކަށް ، ހިނގާ ގެއަށް ގޮސް ފިހާރައިން ކޮންމެސް އެއްޗެއް ބޯނީ. ޖައިލަމް ބަރޯގެ އަތްގަނޑުގައި ހިފާ ހިނގައި ގަންނަމުން ބުންޏެވެ. “ ދެން މަޑުކޮށްބަލަ، ޖައިލަމް، އަޅެ ހިނގާބަލަ، އެހެރަ ރުކުގެ ފެން ވަރަށް މީރުވާނެ، ވަރަށް ފޮނިވެސް ވާނެ، ހިނގާބަލަ އަޅެ އެރުކަށް އަރަން. ޖުމާނާ ޖައިލަމްގެ އަތުގައި ހިފަހައްޓާފައި އާދޭސް ކުރަން ފެށިއެވެ. އެންމެ ފަހުން ވީލް ބަރޯ އެތާ ބޭއްވުމަށްފަހު އޭގެ ތެރޭގައި އޮތް ކަތިވަޅި ނަގައިގެން ޖައިލަމް އެރުކާ ދިމާއަށް ދާން ފެށުމުން ޖުމާނާ ވެސް ޖައިލަމްގެ ފަހަތުން ދިޔައެވެ. ޖައިލަމްގޮސް ރުއް ކައިރިއަށް ހުއްޓި ރުކުގެ ކޮޅަށް ބަލާލައި ރުކުގައި ކުރުނބާ ހުރިތޯ ބަލާލިއެވެ. އެރުކަކީ ފުދޭވަރެއްގެ ދިގު ރުކެއްވެސް މެއެވެ.“ ރުކުގައި ކުރުނބާ އިހަލެއް އޮތްކަން ޔަގީން ވުމުން ޖައިލަމް ޖުމާނާއަށް ބަލާލިއެވެ. “ މީހަކަށް ފެނިއްޖެއްޔާ މައްމަ ގާތުގަ ބުނާނެ، އަދި ބައްޕައަށް އެނގިއްޖެއްޔާ މަގޭ ދުވަސް ދިޔައީ، ނުކެރޭނެ މަށަކަށް މިހާދިގު ރުކަކަށް އަރާކަށް. “ ޖައިލަމް ކަންބޮޑުވެފައި ބުންޏެވެ. “ އައްދޭ!، މީދެން ދިގު ރުއްރުކަށް ނާރާ މީހެއްވިއްޔަ،މިއަށްވުރެން މާދިގުވާނެ އެތާ އޮޅުތެރޭ ހުންނަ ދިގުރުއްވެސް ، އެކަމަކު އެރޭ، ދެން އަރާބަލަ އަޅެ، ދޮންތަ ބަލާނަމޭ މީހަކު އާދޭތޯ. ޖުމާނާ ގޮތް ދޫނުކުރުމުން އެންމެ ފަހުން ދެކޮޅު ބަލާލުމަށްފަހު ޖައިލަމް ރުކަށް އަރަން ފަށައިފިއެވެ. އަދި ރާމާ މަކުނަކަށްވެސް ރުކަކަށް ނޭރޭނެހާ އަވަހަށް އެހާމެ ފަރިތަ ކަމާއެކު ރުކުގެ ކޮޅަށް އަރާ ކޮޅުގަތެވެ. ދެން ކަތިވަޅިން ޖަހާ ރުކުގައި އޮތް ކުރުނބާ އިހާ އެއްކޮށް ކަނޑާ ވައްޓާލިއެވެ. ކުރުނބާ އިހާ ބުމުގައި ޖެހުމާއެކު އެއިހަލުގައި އޮތް އަށެއްކަ ކުރުނބާ އެކި ދިމަދިމާއަށް ވިއްސައިގެން ދިޔައެވެ. އެއާއެކު ޖުމާނާ އަވަސްވެ ގަތީ ކުރުނބާތައް އެއްތަނަކަށް އެއްކުރެވޭތޯއެވެ. ކަތިވަޅި ބިންމައްޗަށް ވައްޓާލުމަށްފަހު ޖައިލަމް ވެސް ރުކުން ފައިބަން އުޅުނެވެ. މިރިހި ވިނަގަނޑެއްގެ ތެރެއަށް ވަން ކުރުބަލެއް ނަގަން ގުދުވެފައި ތެދުވެވުމާއެކު ޖުމާނާ ދިޔައީ ސިއްސައިގެންނެވެ. އިވުނު ބާރު އަޑާއެކު ޖުމާނާއާށް ހަޅޭއްވެސް ލަވައި ގަނެވުނެވެ. އަދި ވަގުތުން އެއަޑު އިވުނު ދިމާއަށް ބަލާލެވުނެވެ. ޖުމާނާއަށް ފެނުނީ ރުއްބުޑަށް ޖައިލަމް ވެއްޓިފައި އޮތްވައެވެ. ޖައިލަމްއޭ ކިޔާ ހަޅޭއް ލަވައިގެންފައި ޖުމާނާ ޖައިލަމްގެ ގާތާށް ދާން ދުއްވައިގަތެވެ. ޖުމާނާގޮސް ޖައިލަމްގެ ގާތުގައި އިށީނެވެ. އަދި ބަންޑުން އޮތް ޖައިލަމްގެ ކޮނޑުގައި ހިފާ ފުރޮޅާލިއެވެ. އޭރު ޖައިލަމްގެ ނިތްކުރިމަތިން ކޮންމެވެސް ވަރަކަށް ލޭ އާދެއެވެ. ޖައިލަމް ޖުމާނާއަށް ބަލާލިއެވެ. ގަންފައިވާ ބިރުންނާއި ޖައިލަމްއަށް ވެފައިވާ ވަރުން ޖުމާނާ ރޯންފެށިއެވެ. އިސާހިތަކު ޖައިލަމްގެ ލޯ މަޑުމަޑުން މެރެމުން ގޮސް ޖައިލަމް ހޭނެތިއްޖެއެވެ. ޖުމާނާ ޖައިލަމްގެ ގައިގައި ހިފާ ތަޅުވައިގެންފައި ޖައިލަމްއަށް ގޮވަން ފެށިއެވެ. ނަމަވެސް ޖައިލަމްގެ ޚަބަރެއް ނުވިއެވެ. ޖުމާނާ ބިރުން ތުރުތުރު އަޅަން ފަށައިފިއެވެ. ޖުމާނާ ހީކުރީ ޖައިލަމް މަރުވީ ކަމަށެވެ. އެހެން ކަމުން ޖުމާނާ ވަކިން ބާރަށް ރޯން ފަށައިފިއެވެ. އަދި ރޮމުން ރޮމުން ޖައިލަމްގެ ގާތުން ތެދުވިއެވެ. ދެން ހަޅޭއް ލަވަމުން ގެއާ ދިމާއަށް ދާން ދުއްވައި ގަތެވެ.
ނަދީމު ކާން ފޮނުވާފައި މަރިޔަންދީ އިނީ ފިހާރާގައެވެ. ކުއްލިއަކަށް ފިހާރައުގެ ދެރޮހުޅުވާފައި އެވަނީ ޖުމާނާއެވެ. އަދި ވަނުމާއެކު ރޯންފެށިއެވެ. “ ޖައިލަމް ! މައްމާ ޖައިލަމް ! ޖައިލަމް މަރުވެއްޖެ“ ޖުމާ ހާސްވެފަހުރި ވަރުން އާގަންނަމުން ކަހަލަ ގޮތަކަށް ބުންޏެވެ. “ ކީކޭ ؟ ޖައިލަމް މަރުވިއްޔޭ، ކޮބާ މަގޭ ދަރި ؟ “ މަރިޔަންދީ ހާސްވެފައި ތެދުވެފައި އެއްސެވެ. “ ވަލުގަ، ރުއްދަނޑުގަ ؟ ޖުމާނާ އެހެން ބުނުމާއެކު މަރިޔަންދީ ފިހާރައި ނުކުންނަން އަވަސްވެގަތެވެ. ، މަރިޔަންދީ ގޮސް ފިހާރަ ދޮރުހުޅުވާ ބޭރަށް ނުކުތުމެން ޖުމާނާވެސް މަރިޔަންދީގެ ފަހަތުން ނުކުތެވެ. މަރިޔަންދީ އަރުވާޖަހާ އަޅާ އެތިކޮށް ދުއްވައިގަތެވެ. މަރިޔަންދީގެ ފަހަތުން ޖުމާނާވެސް ދުއްވައިގަތެވެ. މަރިޔަންދީއާއި ޖުމާނާ ދުވެފައި ގޮސް ވަލަށް ވަނެވެ. އަދި ވަލުތެރޭން ޖުމާނާގެ ފަހަތުން މަރިޔަންދީ ދުވަމުން ދުވަމުން ގޮސް ރުއްދަނޑަށް ވަދެ ޖައިލަމް ވެއްޓުނު ރުށް ދޮށަށް ޖުމާނާ ހުއްޓުނެވެ. ޖުމާނާގެ ފަހަތުން މަރިޔަންދީ ވެސް ހުއްޓުނެވެ. ކާށި ތަކާއެކު ޖުމާނާމެންގެ ވީލްބަރޯ ހަމަ އޮތްތާ އެއިތް ގޮތަށް އޮތެވެ. ނަމަވެސް ޖައިލަމްއަށް ވީގޮތެއް ނޭނގެއެވެ. ޖައިލަމް އެތާކު ނެތެވެ. ޖެހުނުތާ ލަކުނުވެސް ނެތެވެ. ޖުމާނާ ހައިރާންވިއެވެ. އަދި ވަށައިގެން ބަލާލިއެވެ. މަރިޔަންދީ ވެސް ވެފައިވާ ވަރުބައްޔާއެކު ޖުމާނާގެ ހަރަކާތްތަކަށް ހައިރާން ކަމާއެކު، ހަމަ އެހާމެ ހާސްވެފައި ބަލަން ހުއްޓެވެ. މަރިޔަންދީގެ ލޭމައްޗަށް ދާން ފަށައިފިއެވެ. އަދި ރުޅިގަދަވާން ވެސް ފަށައިފިއެވެ. މަރިޔަންދީ އައި ރުޅީގައި ޖުމާނާގެ މުލައްދަނޑީގައި ހިފާ ދަމައިގަތެވެ. “ ކޮބާތަ ޖައިލަމް؟ ކޮބާހޭ މަގޭ ދަރި ؟ ”. މަރިޔަންދީ ރުޅިވެރިކަމާއެކު ރޮމުން ތުރުތުރު އަޅާ އަޑަކުން އަހަމުން ގެންދިޔައެވެ.
ނުނިމޭ