އިންޑިއާގެ އުތްރަޕްރަދޭޝްގެ އުމުރުން 14 އަހަރުގެ އަންހެން ކުއްޖެއްގެ ބޯ ބުރިކޮށްލުމަށްފަހު މަރާލާފައި އޮތްވާ ފެނިއްޖެއެވެ.
ފުލުހުންނާއި ހަވާލާދީ އެގައުމުގެ މީޑިއާތަކުގައި ބުނެފައިވަނީ، އަންހެން ކުއްޖާ ފާހާނާ ކުރުމަށް ގަސްތައް ތެރެއަށް ދިއުމަށް ފަހު އެނބުރި ނައިސގެން ފުލުހަށް މައްސަލަ ހުށައަޅާފައިވަނީ، މީގެ 4 ދުވަސް ކުރިން ކަމަށާއި، އަންހެން ކުއްގާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ އޭނާގެ ބޭބެ އަށް ކަމަށެވެ. އަދި ފުލުހުންނާއި ހަވާލާދީ ބުނެފައިވަނީ، އަންހެން ކުއްޖާގެ ހަށިގަނޑު ފެނުނުއިރު އޮތީ ބޯ ބުރިކޮށްލުމަށް ފަހު ގަސްތައް ތެރެއަށް އެއްލާލާފައި ކަމަށާއި، ހަށިގަނޑު ފެނުންތާ ކާރި ހިސާބުގައި ބޯ ފެންނަން އޮތް ކަމަށާއި، ބޯ އޮތީ ގަލުން ތަޅާ ޗިސްކޮށްލާފައި ކަމަށެވެ.
އަންހެން ކުއްޖާގެ އާއިލާއިން މިކަމާއި ގުޅިގެން ބުނެފައިވަނީ، އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރުމަށްފަހު ބަޔަކު އޭނާ މަރާލީ ކަމަށެވެ. އެހެން ނަމަވެސް އެއަވަށުގެ ފުލުހުން ބުނެފައިވަނީ، ޖިންސީ ގޯނާ ކުރިކަމަށް އަދި ކަނޑަ ނާޅާ ކަމަށާއި، ޕޯސްޓްމޯޓަމް ހެދުމަށްފަހު އެކަމާއި މެދު ގޮތެއް ނިންމާނެ ކަމަށެވެ.
އަންހެން ކުއްޖާގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށާއި، އެހެން ނަމަވެސް މި މައްސަލައަށް އިންސާފު ހޯދައިދޭން ކުރެވެން ހުރި ހުރިހާކަމެއް ކުރާނެ ކަމަށް ވަނީ ބުނެފައެވެ.
މިދިޔަ ހަފްތާގައިވެސް އިންޑިއާގެ އެކި ސަރަހައްދު ތަކުގައި ވަނީ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރުމަށްފަހު މަރާލާފައެވެ. އުމުރުން 19 އަހަރުގެ އަންހެން ކުއްޖަކާއި އުމުރުން 22 އަހަރުގެ އަންހެން ކުއްޖަކު ވަނީ ރޭޕް ކުރުމުގެ ޝިކާރާގައި މަރުވެފައެވެ.