ލ.ފޮނަދޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ވަނީ ފަށާފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
މިކަމާއި ގުޅޭ މަޢުލޫމާތ ހިއްސާކުރަމުން އެމްޓީސީސީން މިއަދު ބުނީ މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ތާރުއެޅުމުގެ މަސައްކަތް މި މަސްތެރޭ ފެށޭނެކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ދިގުމިނުގައި 3.5 ކިލޯމީޓަރު ހުންނަ 12 މަގު ތަރައްޤީ ކުރެވޭނެކަމަށާއި 27،848 އަކަ މީޓަރުގެ ސަރަހއްދެއްގައި ތާރުއަޅާނެކަމަށް އެމްޓީސީސީން ބުނެއެވެ.
އޭގެ އިތުރުން ފެންހިންދާ ނިޒާމެއް ޤާއިމުކުރުމަށާއި ސްޕީޑް ބްރޭކަރު ހަރުކުރުމަށާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭކަމަށް އެމްޓީސީސީން ބުނެފައެވެ.
ހުސްވި އަހަރު ޢަމަލީ މަސައްކަތް ފަށާފައިވާ މި މަޝްރޫޢަކީ 25.5 މިލިއަން ރުފިޔާގެ މަޝްރޫޢުއެއްކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.