ބޮލީވުޑްގެ މަޝްހޫރު ތަރި ސުޝާންތް ރާޖްޕުޓްގެ މަރާއި ގުޅިގެން މިދިޔަ ހޮނިހިރު ”އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (އޭ. އައި. އައި. އެމް.އެސް)އިން ނެރުނު ރިޕޯޓްގައި ސުޝާންތް އަމިއްލައަށް މަރުވީ ކަމަށް ބުނެފައި އޮތުމުން އެ ރިޕޯޓާއި މެދު އާއިލާއިން ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.
އޭނާގެ އާއިލާއިން ބަޔަކު ސުޝާންތް މަރާލީ ކަމުގައި ބުނާއިރު ފެންނަން ހުރި ހެކިތަކަށް ބަލައި ރިޕޯޓްގައި ބުނެފައި ވަނީ ސުޝާންތް މަރުވެފައިވަނީ އަމިއްލައަށް ދަންޖެހިގެން ކަމަށެވެ. އިއްޔެގެ ހެދުނުގެ ވަގުތެއްގައި އޭނާގެ ދައްތަވަނީ ހަގީގަތް ހާމަވަންދެން ކެތްތެރިކަމާއި އެކު އާއިލާއިން ދުއާ ކުރާނެ ކަމަށް ބުނެ ޓުވީޓެއް ކޮށްފައެވެ.
އަދިމީގެ އިތުރުން ސުޝާންތްގެ އާއިލާއިންވަނީ ސުޝާންތް ކަސްރަތު ކުރާ ވީޑިއޯއެއް ޓުވިޓަރ ގައި ހިއްސާކޮށްފައެވެ. އަދި އެ ޕޯސްގެ ދަށުން ބުރަ މަސައްކަތް ކުރަނީ އަމިއްލައަށް މަރުވާން ނޫން ކަމަށްވެސް ބުނެފައި ވެއެވެ. މިކަން މިހެން އޮތް އިރު ބަޔަކު ސުޝާންތް މަރާލީ ތޯ ނުވަތަ އޭނާ އަމިއްލައަށް ދަންޖެހިގެން މަރުވީތީ މީ ގިނަ ބަޔަކުމެ މިއަދު ކުރަމުންދާ ސުވާލެކެވެ!
މި އަހަރުގެ ޖޫން 14 ވަނަ ދުވަހު ސުޝާންތް މަރުވެފައި ހުއްޓާ ފެނިގައިވަނީ މުމްބާއީގެ ބާންދްރާގައި، އޭނާ ދިރިއުޅޭގޭގައެވެ. ސުޝާންތް މަރުވިއިރު އޭނާގެ އުމުރަކީ 34 އަހަރެވެ.
ބޮލީވުޑަށް ނުކުތުމުގެ ކުރިން ސުޝާންތް ފުރަތަމަ މަސައްކަތް ކުރަމުން ދިޔައީ އިންޑިއާގެ ޑެއިލީ ސޯޕްތަކުގައެވެ. އޭނާ އެންމެ ފުރަތަމަ އޭނާ ސްކްރީނުން ފެނިފައިވަނީ 2008 ވަނަ އަހަރު ސްޓާޕްލަސް އިން ދެއްކި ސީރީޒް އެއް ކަމަށްވާ ”ކިސް ދޭޝް މޭ ހޭ މޭރާ ދިލް“ އިންނެވެ.
އެއަށްފަހު 2009 ވަނަ އަހަރު ޒީ ޓީވީން ދެއްކި ޝޯއެއް ކަމަށްވާ ”ޕަވިތުރަ ރިޝްތާ“ އިން އޭނާ ވަނީ ބެލުންތެރިންގެ މެދުގައި މަޤްބޫލު ފަންނާނަކަށް ވެފައެވެ. އަދި އެ ޝޯ ކުރިއަށް ދަނިކޮށް އޭނާ ވަނީ 2014 ވަނަ އަހަރު ބޮލީވުޑުގައި މަސައްކަތް ކުރަން ފަށާފައެވެ. ސުޝާންތް އެންމެ ފުރަތަމަ ކުޅެފައިވާ ފިލްމަކީ ”ކައި ޕޯ ޗޭ“ އިންނެވެ.
އެއަށްފަހު ސުޝާންތް ވަނީ ބޮލީވުޑްގެ ކާމިޔާބު ފިލްމްތައް ކަމަށްވާ ”ޕީކޭ“، ”އެމްއެސް ދޯނީ“، ”ކެދަރްނާތް“، ”ރާބްތާ“ އިތުރުންގެ ގިނަ ފިލްމްތަކުން ފެނިގެން ގޮސްފައެވެ. ސުޝާންތު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ދެއްކި ފިލްމް ”ޑްރައިވް“ އިންނެވެ. އެ ފިލްމުގައި އޭނާ ފެނިގެން ގޮސްފައިވަނީ ޖެކޮލިން ފެނާންޑޭޒް އާއި އެކުގައެވެ.