މިދިޔަ ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލް ކޮޅަށް 7 ލަނޑު ޖެހުމަށްފަހު އެސްޓަން ވިލާއިން ބޮޑު ކާމިޔާބީއެއް ހޯދާފިއެވެ.
މިއީ ފާއިތުވި 57 އަހަރު ތެރޭ ލިވަޕޫލް ކޮޅަށް 7 ގޯލުވަން ފުރަތަމަ ފަހަރެވެ. އެސްޓަން ވިލާގެ ދަނޑުގައި ކުޅުނު މެޗު އެޓީމުން ކާމިޔާބު ކުރީ 7-2 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ވިލާއިން ވަނީ 4 ލަނޑު ޖަހާފައެވެ. މި 4 ލަނޑުގެ ތެރެއިން 3 ލަނޑު ޖަހާ، އޮލީ ވެޓްކިންސް ވަނީ ހެޓްރިކް ހަދައިފައެވެ. ފުރަތަމަ ހާފުގައި ލިވަޕޫލުން ޖެހި ލަނޑު ކާމިޔާބު ކޮށްދިނީ މުހައްމަދު ސަލާހުއެވެ.
ދެވަނަ ހާފުގައި ވިލާއިން ވަނީ 3 ލަނޑު ޖަހާ މެޗުގެ ނަތީގާ ބޮޑުތަނުން ބަދަލު ކޮށްފައެވެ. މިޑްފީލްޑަރު ޖެކް ގްރީލިޝް ވަނީ ދެވަނަ ހާފުގައި 2 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި 2 ވަނަ ހާފުގައި ވިލާއިން ޖެހި އަނެއް ލަނޑު ޖެހީ ދާދި ފަހުން ޗެލްސީއިން ލޯނުގެ ދަށުން ވިލާއަށް ބަދަލުވި، ރޮސް ބާކްލޭ އެވެ. ދެވަނަ ހާފުގައި ލިވަޕުލްއިން ޖެހި 2 ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލިވަޕޫލްގެ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ސަލާހުއެވެ.
ލިވަޕޫލްގެ މައްޗަށް ހޯދި މޮޅާއި އެކު ވިލާއިން ވަނީ ތާވަލްގެ ދެވަނަ މަގާމަށް ޖެހިފައެވެ. މި ސީޒަންގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން އެސްޓަން ވިލާ ވަނީ ކާމިޔާބު ހޯދާ 9 ޕޮއިންޓު ހޯދާފައެވެ. ލީގުގެ 1 ވަނަ މަގާމުގައި ވާ އެވަޓަން ވަނީ، އެސްޓަން ވިލާއަށް ވުރެއް އެއް މެޗު އިތުރަށް ކުޅެ 12 ޕޮއިންޓު ލިބިފައެވެ.