އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުޣަފޫރުގެ
މައްޗަށް ކޮށްފައިވާ ދަޢުވާތަކަށް އިޢުތިރާފުވެވަޑައިގެންފައިވާތީ 20 އަހަރަށް ޖަލަށްލުމަށާއި 02 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން އަދީބާއެކު ދަޢުލަތުން އެއްބަސްވެއްޖެއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން ދަޢުލަތުން އަދީބުގެ މައްޗަށް ކޮށްފައިވަނީ ޚިޔާނާތްތެރިވުމުގެ ދެ ދަޢުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދަޢުވާއައަކާއި މަނީ ލޯންޑްރިންގ ގެ ދެ ދަޢުވާއަކާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދަޢުވާއަކާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދަޢުވާއެކެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ދަޢުލަތުން އަދީބާއެކު އެއްބަސްވި އަދަބާބެހޭ ތަފްސީލު ހުށަހެޅުމުން ފަނޑިޔާރު ޙަސަން ސަޢީދު ވިދާޅުވީ އަދީބަށް ޙުކުމްކުރުމުގެ ޝަރީޢަތް ބާއްވާނީ މި މަހުގެ 12 ވަނަދުވަހުގައި ކަމަށެވެ. އަދި މި ގޮތަށް ނިންމީ ހަތް ދަޢުވާގެ ޙުކުމް ވަކިން ލިޔަންޖެހޭތީކަމަށާއި އެ ގޮތުން މިއަދު އެ ކަން ނިންމުން ދަތިވާނެތީކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ނަމަވެސް މިއަދު ޙުކުމްކުރަންޖެހޭނެކަމަށް ދަޢުލަތުން ތަކުރާރުކޮށް ފާހަގަކުރުމުން ފަހުން ނިންމީ ޙުކުމްކުރުމުގެ ޝަރީޢަތުގެ މަޖިލިސް މާދަމާ ބާއްވާ ގޮތަށެވެ.
މި މައްސަލައިގައި އަދީބު 20 އަހަރަށް ޖަލަށްލުމަށާއި 02 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން އަދީބާއެކު ދަޢުލަތުން އެއްބަސްވެފައިވާއިރު އަދީބު ވަނީ ޚިޔާނާތުގެ ފައިސާ ހޯދަންޖެހޭނެ ކަމަށާއި އެ ކަމުގައި އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ވިދާޅުވެފައެވެ.
ތަންފީޒު ކުރާނެތަ?????