ޖުމްހޫރީ ޕާޓީ އޮތީ، ރާއްޖޭގެ ސަރުކާރާއި ރައްޔިތުންނާއި އެކު ކަމަށް އެޕާޓީގެ ލީޑަރު، އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ނަމުގައި ޓުއިޓާގައި ހަދާފައިވާ ފޭކު އެކައުންޓަކުން، ރާއްޖޭގެ ކުރީގެ ރައީސް އަދި މަނީ ލޯންޑާ ކުރިކަމުގެ ކުށުގައި 5 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ، ރައީސް ޔާމީންއަށް ތާއިދު ކުރާ ކަމަށް ބުނެ ކޮށްފައިވާ ޓުއިޓަކާއި ގުޅިގެންނެވެ.
ފޭކް ޓުއިޓުގައި ބުނެފައިވަނީ، ރައީސް ޔާމީން ޖަލުގައި އޮންނެވުމަކީ، މުޅި ގައުމު ލަދުވެތިވާންޖެހޭ ކަމެއް ކަމަށާއި، ޖުމްހޫރީ ޕާޓީއިން ރައީސް ޔާމީން އާއި އެކު މަޝްވަރާއަށް ދާން ބޭނުންވާ ކަމަށެވެ. އެ ޓުއިޓާއި ގުޅިގެން ގާސިމް ވިދާޅުވީ، އެއީ އޭނާ ކުރި ޓުއިޓެއް ނޫން ކަމަށާއި، އެކަން ކުރިބަޔަކު އެކަން ކުރީ ޖުމްހޫރީ ޕާޓީއަށާއި، އޭނާއަށް ކުރާ ތާއީދު ގެއްލުވާލަން ކަމަށެވެ.
ގާސިމް ކުރެއްވި ޓުއީޓުގައި ބުނެފައިވަނީ، އެ ޓުއީޓަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި، އެ ޓުއިޓަކީ ބަޔަކު މީހުން އުފައްދާފައިވާ މަކަރުވެރި ރޭވުމެއް ކަމަށާއި، އެއީ ބޮޑު ދޮގެއް ކަމަށެވެ. އަދި އެކަން ކުރި ބައެއްގެ ބޭނުމަކީ، ގާސިމް އާއި ޖުމްހޫރީ ޕާޓީ ގުއިރޯނުގައި ޖެއްސުމާއި، ސަރުކާރާއި ޖެއްސުން ކަމަށް ވަނީ ބުނެފައެވެ.
ޖުމްހޫރީ ޕާޓީއަކީ ސަރުކާރު ހިންގާ ކޯލިޝަންގެ މުހިއްމު ބައެވެރިއެކެވެ. އަދި އަދުގެ ސަރުކާރު ވެރިކަމަށް ގެނައުމަށް އެޕާޓީންވަނީ ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ.