ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރައީސްކަމުން އަމިއްލަފުޅަށް އިސްތިއުފާދެއްވުމާއެކު ރައީސްކަން ކުރެއްވި ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު މެދުވެރިކޮށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަން ބަޣާވާތަކުން ވައްޓައިލުމަށް މަސައްކަތްކުރަމުން އަންނަކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް(ދޮންބިލެތް) ތުހުމަތުކުރައްވައިފިއެވެ.
ދޮންބިލެތް ޙަލީމް މިހެން ވިދާޅުވީ ސަރުކާރުގެ މިސްރާބު ބަދަލުނުކުރާނަމަ ރައީސް ޞާލިޙްގެ ޒަޢާމަތުގައި ނުރައްކާތެރި ކަންތައްތަކެއް ކުރިމަތިވެދާނެކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) ވިދާޅުވުމުންނެވެ.
މި ގޮތުން ޠާރިޤްވަނީ ޤައުމުގެ މިސްރާބު ބަދަލުނުކޮށްފިނަމަ މި ދައުރުގެ މެދުތެރެއިން ރައްޔިތުންނާއި ސިފައިން ނިކުމެ ރައީސް ޞާލިޙާއި ބައްދަލުކުރައްވާފާނެ ކަމަށެވެ. އަދި އެކަން ދިމާވުމުން އެއީ ބަޣާވާތެކޭ ނުވަތަ ޑރ.ވަޙީދަކީ މިވެނި މީހެކޭ ބުނެ އެ ވާހަކަ ދެއްކުމުގެ ފުރުސަތެއް އޭރުން ނޯންނާނެކަމަށް ވެސް ޠާރިޤް ވިދާޅުވިއެވެ.
ޠާރިޤްގެ މި ވާހަކައާއި ގުޅިގެން އެއީ ރައީސް ޞާލިޙަށް ދިން އިންޒާރެއްކަމަށް ސިފަކުރައްވައި ދޮންބިލެތް ޙަލީމް ވިދާޅުވީ ޕީޕީއެމްފަދަ ޑިމޮކްރަޓިކް ޕާޓީއެއްގެތެރޭގައި ބަޣާވާތްކުރުމުގެ ވިސްނުމެއް, އެ ޕާޓީގެ އެޑްވައިޒަރު ޑރ.ވަޙީދު ގެންގުޅުމުން ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. އަދި ޑރ.ވަޙީދު ޕީޕީއެމްއިން ބޭރުކުރަން ގޮވައިލައްވާކަމަށާއި އެ ޕާޓީއަކީ ދުޅަހެޔޮކޮށް ރަނގަޅުގޮތުގައި ހިނގާ ޕާޓީއަކަށްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ދޮންބިލެތް ޙަލީމް ވަނީ ވިދާޅުވެފައެވެ.