ނަފުސުވިއްކައިލި މީހަކަށް ކުރެވޭނެ އެއްވެސްކަމެއް ނޯންނާނެކަމަށާއި މިއަދު އަޅައިލާނެ އެއްވެސް މީހެއް ނުހުންނާނެކަމަށް ކްރިމިނަލް ކޯޓުގެ ޤާޟީ ޙަސަން ސަޢީދު ވިދާޅުވެއްޖެއެވެ.
ޤާޟީ ސަޢީދު މިހެން ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން ކުރީގެ ނައިބު ރައީސްގެ މައްޗަށް ދަޢުލަތުން ކުރި ހަތް ދަޢުވާއަށް މިރޭ ޙުކުމްކުރެއްވުމަށްފަހު އަދީބަށް ދެއްވި ނަސޭހަތްޕުޅުގައެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން ދަޢުލަތުން އަދީބުގެ މައްޗަށް ވަނީ ޚިޔާނާތްތެރިވުމުގެ ދެ ދަޢުވާއަކާއި, ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދަޢުވާއައަކާއި, މަނީ ލޯންޑްރިންގ ގެ ދެ ދަޢުވާއަކާއި, މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދަޢުވާއެއްގެ އިތުރުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދަޢުވާއެއް ކޮށްފައެވެ.
މި 07 ދަޢުވާ އަށް އަދީބު އިޢުތިރާފުވެވަޑައިގަންނަވާފައިވާތީ ޤާޟީ ސަޢީދު ވަނީ އަދީބު 20 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށް 02 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
މި ގޮތުން ޙުކުމްކުރެެއްވުމަށްފަހު ޤާޟީ ސަޢީދު ވިދާޅުވީ ނަފުސުވިއްކައިލި މީހަކަށް ކުރެވޭނެ އެއްވެސްކަމެއް ނޯންނާނެކަމަށާއި މިއަދު އަޅައިލާނެ އެއްވެސް މީހެއް ނުހުންނާނެކަމަށާއި އަދި ﷲ ފިޔަވައި ނަފުސާއި އަޅައިލާނެ ފަރާތެއް ނުވާކަމަށެވެ.
އޭގެއިތުރުން ޤާޟީ ސަޢީދު ވިދާޅުވީ މި މައްސަލަތަކަކީ ދިވެހި ދަޢުލަތް ލަދުގަންނަކަމެއްކަމަށާއި މުޅި ދުނިޔެއަށް ފަޟީހަތްވެގެންދިޔަކަމެއް ކަމަށެވެ. އަދި މި ވާހަކަތައް މި ދައްކަވަނީ އަދީބަށް ދެރައެއް އެދިގެންނޫން ކަމަށާއި ނަަމަވެސް ޒުވާނަކަށްވެފައި ޤައުމުގެ އެހައި ބޮޑު މަޤާމެއް ލިބިވަޑައިގެންނެވިއިރުގައި ވެސް އެ ކަން ހަނދުމަފުޅު ނުކުރެއްވުނީތީ ކަމަށެވެ.
ޤާޟީ ސަޢީދު ވިދާޅުވީ ޚިޔާނާތުގެ ފައިސާ ނުހޯއްދަވަނީސް ތަޢުބާވެވަޑައިގެންނެވި ކަމަކަށްނުވާނެ ކަމަށާއި އަމިއްލަ ނަފުސަށް ކަމެއްކުރެއްވުނު ނަމަ ތަޢުބާވެވަޑައިގަތުމުން އެކަން ވާނެކަމަށެވެ. ނަމަވެސް މިއީ ﷲ ގެ ޙައްޤެއްކަމަށާއި މުޖުތަމަޢުގެ ޙައްޤެއްކަމަށާއި މިއީ ވަރަށް ނުރައްކާތެރިކަމެއްކަމަށް ވެސް ޤާޟީ ސަޢީދު ވަނީ ވިދާޅުވެފައެވެ.