މި ސަރުކާރަކުން އެއްވެސް މީހަކަށް އަނިޔާވެރި ނުވާނެކަމަށާއި ރައްޔިތުންގެ ޙައްޤުތައް, ރައްޔިތުންނަށް ހޯއްދަވައިދެއްވާނެކަމަށް ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ”މޭޑޭ 2015“ ގައި އެތައް ބައިވަރު ރައްޔިތުންނާއެކު މަގުމައްޗަށް ނިކުންނަވާ ދެއްކެވި ވާހަކައަކީ ރައްޔިތުންގެ މުއްސަނދިކަން އޭރުގެ ސަރުކާރުގެ ވެރިން ނުޙައްޤުން ބޭނުންކުރަމުންދިޔަ ވާހަކަ ކަމަށެވެ.
”މޭޑޭ 2015“ އިގެ ވާހަކައަށް މިނިސްޓަރު އިމްރާން އަލިއަޅުއްވައިލައްވާފައިވާއިރު, އެ ދުވަހު (2015.05.01) ގައި އޭރުގެ ރައީސް ޢަބްދުﷲ ޔާމިނު ޢަބްދުލްޤައްޔޫމުގެ ސަރުކާރާއި ދެކޮޅަށް އަޑުއުފުލައި ޙައްޤުތައް ހޯދުމަށްޓަކައި ބޭއްވި މުޒާހަރާއަކީ ރާއްޖޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ ބޮޑު މުޒާހަރާއެކެވެ.
”އަނިޔާވެރިކަން ނިންމަން“ މި ޝިޢާރުގެ ދަށުން އެ މުޒާހަރާގެ ބައިވެރިން ޖުމްހޫރީ މައިދާނަށް ދިއުމުން ސަލާމަތީ ބާރުތަކުން ނިކުމެ މައިދާނުގައި ރުކުރުވާލައިގެން ތިބި މުޒާހަރާގެ ބައިވެރިން ވިއްސިވިހާލިކޮށްލައި މުޒާހަރާ ރޫޅައިލިއެވެ. އެއަށް ފަހު ގިނަ ބަޔަކު ހައްޔަރު ވެސް ކޮށްފައިވެއެވެ.
މި ގޮތުން އެ މުޒާހަރާ ކުރިއަށްދިޔަ ދުވަހު މިނިސްޓަރު އިމްރާން ދެއްކެވި ވާހަކަތަކާއި ގުޅިގެން ޓރަރިޒަމްގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި 12 އަހަރަށް ޖަލަށްލުމަށް ޙުކުމް ވެސް ކޮށްފައިވެއެވެ.
”މޭޑޭ 2015“ ގައި އެތައް ބައިވަރު ރައްޔިތުންނާއެކު މަގުމައްޗަށް ނިކުންނަވާ ދެއްކެވި ވާހަކައަކީ ރައްޔިތުންގެ މުއްސަނދިކަން އޭރުގެ ސަރުކާރުގެ ވެރިން ނުޙައްޤުން ބޭނުންކުރަމުންދިޔަ ވާހަކަކަން ފާހަގަކުރައްވައި މިނިސްޓަރު އިމްރާން މިރޭ ވިދާޅުވީ އެކަމުގައި ޝާމިލުވި ފަރާތްތަކުގެ އިޢުތިރާފާއެކު އެކަންކަން އެހެރަދަނީ ހާމަވަމުން ކަމަށެވެ.
އިމްރާން މިހެން ވިދާޅުވިއިރު, އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދަޢުލަތުންކުރި 07 ދަޢުވާ އަށް އަދީބު އިޢުތިރާފުވެވަޑައިގަންނަވާފައިވާތީ, އަދީބު 20 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށް 02 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.
މިކަން ފާހަގަކުރެއްވުމަށްފަހު އިމްރާން ވިދާޅުވީ އެ ދުވަހުގެ ހާލަތާއި މިއަދުގެ ހާލަތު ވަޒަންކޮށްލެއްވުމުން ހިތްޕުޅުގައިވަނީ ﷲ ގެ ކުޅަދުންވަންތަކަމުގެ ބޮޑުކަން ކަމަށެވެ. އަދި ކުރިންވެސް ވިދާޅުވިހެން މިހާރު ވެސް ވިދާޅުވާނީ އެއްވެސް މީހަކަށް “އަޅުގަނޑުމެން“ އަނިޔާވެރި ނުވާނެކަމަށާއި ރައްޔިތުންގެ ޙައްޤުތައް, ރައްޔިތުންނަށް ހޯއްދަވައިދެއްވާނެކަމަށް ކަން ވެސް އިމްރާން ވަނީ ފާހަގަކުރައްވާފައެވެ.