މިއަހަރުގެ އޭޕްރިލް މަހު ރިލީޒް ކުރުމަށް ކުރިން ހަމަޖެހުނު، ޖޭމްސް ބޮންޑް ސީރީޒްގެ ފަހުގެ ފިލްމު ”ނޯ ޓައިމް ޓު ޑައި“ އަންނަ އަހަރުގެ އޭޕްރިލް މަހަށް އަނެއްކާވެސް ފަސްކޮށްފިއެވެ.
މީގެ ކުރިން އެފިލްމު ފަސްކޮށްފައިވަނީ، ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް 19 ގެ ބަލީގެ ސަބަބުން ގައުމުތައް ފުރަބަންދުކޮށް ގިނަ ގައުމު ތަކެއްގެ ސިނަމާތަށް ބަންދުކުރުމުގެ ސަބަބުންނެވެ. އެހެން ނަމަވެސް މިހާރު ބަލީގެ ބާރު މަޑު މަޑުން ދަށްވާން ފެށުމުން ގިނަ ގައުމު ތަކަކުން ދަނީ ރައްކާތެރި ކަމުގެ ފިޔަވަޅު ތަކާއި އެކު ގައުމުތަކުގެ ސިނަމާތަށް ހުޅުވުމުގެ ހުއްދަ ދެމުންނެވެ.
”ނޯ ޓައިމް ޓު ޑައި“ ރިލީޒް ކުރުން ފަސްކުރި ވާހަކަ ޓުއިޓާގައި އިއުލާނު ކުރަމުން، ޖޭމްސްގެ ރަސްމީ އެކައުންޓުން ބުނެފައިވަނީ، ފިލްމު މިހާރު އެޅުވުން ހަމަޖެހިފައިވަނީ، އަންނަ އަހަރުގެ އޭޕްރިލް މަހުގެ 2 ވަނަ ދުވަހު ކަމަށެވެ. އަދި މިކަމުގެ ސަބަބުން ސަޕޯޓަރުންނަށް ދިމާވާނެ މާޔޫސް ކަމަށް މާފަށް އެދޭކަމަށްވެސް ބުނެފައި ވެއެވެ.
”ނޯ ޓައިމް ޓު ޑައި“ އަކީ ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމުކަން ފާހަގަކޮށްލެވެއެވެ. ކުރިން މި ފިލްމު އަޅުވާނެ ކަމަށް އިއުލާނު ކޮށްފައިވަނީ، އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ކޯވިޑް 19 ގެ ސަބަބުން ފިލްމު އެޅުވުން މިވަނީ 3 ވަނަ ފަހަރަށް ފަސްކޮށްފައެވެ.
ރަމީ މާލިކް، ލިއާ ސިޑޫ، ލަޝާނާ ލީންޗް، ނިއޯމީ ހެރިސް، ކްރިސްޓޯފާ ވޯލްޒް، ރާފް، ފިއެނެސް އަދި ޖެފްރީ ރައިޓް ފަދަ ތަރިން ހިމެނޭ މިފަހަރުގެ ފިލްމަކީ ގާތްގަނޑަކަށް 250 މިލިއަން ޑިލަރުގެ ބަޖެޓަކުން ތައްޔާރު ކޮށްފައިވާ ފިލްމެކެވެ. މިފަހަރުގެ ފިލްމު ”ނޯ ޓައިމް ޓު ޑައި“ ޑައިރެކްޓްކޮށްފައި ވަނީ ކެރީ ޖޯޖީ ފުކުންގާ އެވެ.