ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލު ބުއިމެއް ކަމަށްވާ ރެޑްބުލް ކުންފުނީގެ ވެރިޔާގެ ދަރިފުޅު، ވޯރަޔުތު ޔޫވިދްޔާ ހޯދަން އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޮގަނައިޒޭޝަން (އިންޓަޕޯލް) އިން ރެޑް ނޯޓިސް ނެރެފިއެވެ.
އޭނާ ހޯދުމަށް ރެޑް ނޯޓިސް ނެރެފައިވަނީ، 2012 ވަނަ އަހަރު އޭނާ ދުއްވި ކާރަކުން ތައިލެންޑުގެ ފުލުހެއްގެ ގާގައި ޖައްސާ މަރާލުމާއި ގުޅިގެންނެވެ. އެމައްސަލަ މިހާ ދުވަސްވެފައި ވާއިރުވެސް ކުރިއަށް ނުގެންދެވި އޮތީ، ޕްރައިވެޓް ޖެޓެއްގައި އޭނާ ގައުމު ދޫކޮށް ފިލުމުންނެވެ.
”ބޮސް“ ގެ ނަމުން މައްޝޫރު ވޯރަޔަތުގެ މައްޗަށް ވަނީ މީގެ ކުރިންވެސް ގިނަ މައްސަލަ ތަކެއް ހުށައަޅާފައެވެ. އޭގެ ތެރޭގައި މަސްތުވާ ތަކެތި ބޭނުން ކުރުމާއި، އެތަކެތި ވިއްކުމާއި، ގަސްތުގައި މީހަކު މެރުމުގެ މައްސަލަ ވެސް ވަނީ މީގެ ކުރިންވެސް ހުށައަޅާފައެވެ. ނަމަވެސް ނުފޫޒުގެ ބޭނުން ކޮށްގެން އޭނާ ވަނީ އެހުރިހާ ފަހަރަކުވެސް މައްސަލަ ތަކުން ސަލާމަތް ވެފައެވެ.
2012 ވަނަ އަހަރު ފުލުސް މީހާ މަރާލި މައްސަލަ ބެލުމަށްފަހު ކޯޓުން ވަނީ އޭނާގެ މައްޗަށް މައްސަލަ ސާބިތު ނުވާކަމަށް ނިންމާފައެވެ. އެނިންމުމާއި ގުޅިގެން އެގައުމުގައި މުޒާހަރާ ކުރުމުން އެގައުމުގެ އެޓާނީ ޖެނެރަލްގެ އޮފީހުން އަލުން މައްސަލަ ބަލަން ފެށުމުން ”ބޮސް“ ވަނީ ގައުމު ދޫކޮށް ފިލާފައެވެ.
2017 ވަނަ އަހަރު ގައުމު ދޫކޮށް ފުލިމުން ތައިލެންޑުގެ ސަރުކާރުން އޭނާ ހޯދުމަށްވަނީ، އިންޓަޕޯލްގެ އެހީއަށް އެދިފައެވެ. އަދި އިންޓަޕޯލުން ވަނީ އިއްޔެ އޭނާ ހޯދުމަށް ރެޑް ނޯޓިސް ނެރެފައެވެ. މިއާއި އެކު އިންޓަޕޯލްގެ 194 މެމްބަރު ގައުމަކުން އޭނާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ރެޑުބުލް ކުންފުންޏަކީ، ތައިލެންޑުގެ ދެވަނަ އަށް އެންމެ މުއްސަނދި ކުންފުންޏެވެ. ހިސާބު ތަކުން ދައްކާ ގޮތުންނަމަ އެކުންފުނީގެ މިލްކީޔާތުގައި، 22 ބިލިއަން ޑޮލަރު ހުންނާނެއެވެ.