ޖަލުތަކުން ހިންގާ ރީއިންޓަގްރޭޝަން ޕްރޮގްރާމް މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސުން އިލްތިމާސްކޮށްފިއެވެ.
އެޗްއާރުސީއެމުން ކަރެކްޝަނަލް ސާވިސްގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައި އެޗްއާރުސީއެމުން ވަނީ ޖަލުތަކުގެ ގައިދީންނާ މެދު އަމަލުކުރާ ގޮތާއި ބެހޭ މަޢުލޫމާތު ސާފުކޮށްފައެވެ.
އެ ބައްދަލުވުމުގައި އެޗްއާރުސީއެމުން ގައިދީންގެ ޙައްގުތަކާ ގުޅޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލް އާއި ފުލުހުންނާއި ކަރެކްޝަންއިން ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރިއެވެ.
މީގެ އިތުރުން ޖަލުތަކުގައި ބަންދުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ރިމާންޑަށް ބަންދުކޮށްފައިވާ ފަރާތްތަކަށް ލިބިދޭން ޖެހޭ އިނާޔާތްތައް ހޯދައިދިނުމަށް އެޗްއާރުސީއެމުން ވަނީ ކަރެކްޝަނަށް އިލްތިމާސްކޮށްފައެވެ.
ކަރެކްޝަންސްގެ އިތުރުން އެޗްއާރްސީއެމުން ވަނީ ޖެންޑާ މިނިސްޓްރީއާ ޕްރޮސެކިއުޓާ ޖެނެރަލްއާވެސް ބައްދަލުކޮށްފައެވެ.
ޖެންޑާ މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމުގައި އެޗްއާރްސީއެމުން ވަނީ، ކުޑަކުދީންގެ ހިޔާގައި ތިބޭ ކުދީންނަށް ރައްކާތެރި މާހައުލެއް މިހާރުން މިހާރަށް ހޯދައިދިނުމަށް އެދިފައެވެ.