ދިވެހި ޤައުމުގެ މިނިވަންކަން ކަށަވަރުނުކޮށް ތިއްބާ ވަގުތު ފާއިތުވެދާނެކަމަށް ކުރީގެ ހެލްތު މިނިސްޓަރު އަދި ރައީސް އޮފީހުގެ ކުރީގެ އަންޑަރ ސެކްރެޓަރީ ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިންގެ ޢަދަދު ހާމަކޮށްފިނަމަ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް ބުރޫއަރާފާނެކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވުމާއި ގުޅިގެންނެވެ.
މި ގޮތުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ނާޒިމް ވިދާޅުވީ ދިވެހި ޤައުމަކީ މުސްތަޤިއްލު ޤައުމެއް ކަމަށެވެ. އަދި އެކަން ކަށަވަރުކުރުމަށްޓަކައި ދިވެހި ރައްޔިތުން ތެދުވަންޖެހިފައިވާކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ނާޒިމް ވަނީ އެ ޒިންމާ މަތިކުރެވިފައިވާ މީހުން އިހުމާލުވާތަން ބަލަން ތިއްބައި ވަގުތު ފާއިތުވެދާނެކަމަށް ވެސް ވިދާޅުވެފައެވެ.
ނާޒިމް މިހެން ވިދާޅުވެފައިވާއިރު މި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. އަދި ރާއްޖޭގެ މިނިވަންކަންގެއްލި އަޅުވެތިވަމުންދާ މަންޒަރު ފެންނަކަމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.