އެޕަލް ކުންފުނީގެ އައިފޯން 12 ނެރޭނެ ދުވަސް އެކުންފުނިން އިއުލާން ކޮށްފިއެވެ.
ބައިނަލް އަގްވާމީ މީޑީއާ ތަކަށް އެކުން ފުނިން ވަނީ މިމަހުގެ 13 ވަނަ ދުވަހު އެކުންފުނީގެ ވަރަށް ޙާއްސަ އިވެންޓެއް އޮންނާނެ ކަމަށްބުނެ ދައުވަތު ފޮނުވާފައެވެ. އެހެން ކަމުން ގިނަ ބަޔަކު ބުނަމުން ދަނީ 13 ވަނަ ދުވަހު އެކުންފުނިން އައިފޯން 12 ނެރޭނެ ކަމަށެވެ.
މީގެ ކުރިން މިދިޔަ މަހު އެކުންފުނިން ވަނީ އައިފޯން ނެރޭނެ ކަމަށް ބުނެފައެވެ. ނަމަވެސް އެދުވަހުގެ އިވެންޓުގައި އެކުންފުނީ ނެރެފައިވަނީ، އެޕަލްގެ ގަޑިއާ އެޕަލް ޕެންސިލް އެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެޕަލް އަށް ވަރަށްބޮޑަށް ފާޑުކިޔާފައެވެ.
އެޕަލް ކުންފުނިން މީޑިއާ ތަކަށް ފޮނުވި ދައުވަތުގައި ބުނެފައި ވަނީ އެކުންފުނީގެ “ ހައި ސްޕީޑް“ އިވެންޓެއް މިމަހުގެ 13 ވަނަ ދުވަހު އޮންނާނެ ކަމަށެވެ. އެހެން ކަމުން ބޭރު ދުނިޔޭގެ މީޑިއާ ތަކުން ބުނެފައިވަނީ، އެއީ އައިފޯން 12 ގައި 5ޖީ ހިމެނޭކަން އަންގަން ކުރި ކަމެއް ކަމަށާއި، އަދި ފަހުގެ ފޯނުގެ ޗިޕްސެޓް ގެ ވަރުގަދަ ކަން ހާމަ ކުރަން ކުރި ކަމެއް ކަމަށެވެ. އަދި އެދުވަހު އައިފޯން 12 ނެރޭނެ ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
އެޕަލް ކުންފުނިން އެކަމާއި ގުޅިގެން މިހާތަނަށް އަދި ބަހެއް ބުނެފައި ނުވާއިރު، އެކުންފުންޏަކީ މީގެ ކުރިންވެސް އެމީހުންގެ ފޯނުތައް ނެރުމުގެ ކުރިން މީޑިއާ ތަކަށް އެވާހަކަތައް ހިއްސާ ކުރާ ކުންފުންޏެއް ނޫނެވެ.