ބުދަ, މާރޗް 3, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ރުހެއްޏާ ލޯބި ދޭށޭވެ! – 09

ނިރު، ޝާމް ލިޔުނީ: ނިރު، ޝާމް
އޮކްޓޯބަރ 7, 2020
ވާހަކަ
0
ރުހެއްޏާ ލޯބި ދޭށޭވެ!

ނުވަވަނަ ބައި

ADVERTISEMENT

ކޮޓަރިއަށް ވަދެ ދޮރު ލައްޕާ ތަޅުލުމަށްފަހު ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން ނިކުތް އިރު ފޯނު ރިންގުވަނީއެވެ. ގުޅަނީ ޔޫޝައުއެވެ. ފޯނުގައި އަތްނުލައި ފޯނަށް ބަލަހައްޓައިގެން އަހަންނަށް ހުރެވުނީއެވެ. ހަދާނެ ނަހަދާނެ ގޮތެއް ނުނިމިއެވެ. ދެ ފަހަރު ގުޅުމުން ވެސް އަހަންނެއް ފޯނެއް ނުނަގަމެވެ.

ހެދުން ބަދަލު ކުރަން ވެގެން އެނބުރިލި ވަގުތު އިވުނީ ދޮރުގައި ޓަކި ދިން އަޑެވެ. އަހަރެންގެ މޭ އަނގައަށް އައި ކަހަލައެވެ. މޭ ނެގިނެގިފައި ޖެހެނީއެވެ. ދޮރުހުޅުވަން ނުހުޅުވަން ހުރުމަށްފަހު އެންމެ ފަހުން ދޮރު ހުޅުވައިފީމެވެ.  

ދޮރުމަތީ ޔޫޝައު ހުރީ އިސްޖަހާލައިގެންނެވެ. ޔޫޝައުގެ މޫނަށް ބަލައިލުމަށްފަހު އަހަންނަށް ވެސް އިސް ޖަހައިލެވުނެވެ. މަދު ސިކުންތުކޮޅަކަށްފަހު ޔޫޝައު ހިނގައިގަތީ ސިޓިންގޫމުގެ ސޯފާތަކާ ދިމާއަށެވެ. އެ ހުރި ގޮތަށް ހުރެފައެވެ. އަންނާށޭ ނުބުންޏަސް އަހަރެން ވެސް ދާންވީކަން ހަވަނަ ހިއްސު އަންގައިދިނެވެ.

މަޑުމަޑުން ޔޫޝައުގެ ފަހަތުން ގޮސް އަހަރެން ސޯފާގައި އިށީނީމެވެ. ޔޫޝައުއަށް ކުރިމަތި ވާގޮތަށެވެ. އިސްޖަހާލައިގެން އިނދެވުނުއިރު އެއް އަތުން އަނެއް އަތުގެ އިނގިލިތަކާ އިނދެވުނީ ކުޅެލަ ކުޅެލައެވެ.

“ޝިބާ !  ބޭނުންތަ ކުރީދުވަހު ފޯނުކުރީ ކާކުކަން އެނގެން! އޭނަ ދެއްކި ވާހަކަތަކުގެ ތަފުސީލް ބޭނުންތަ!“ ޔޫޝައު ވާހަކަ ދައްކަމުން އައިސް އަހަރެންގެ ކުރިމަތީ ހުއްޓި ހުރީ ކޮޅަށެވެ. ވައަތް ޖިންސްގެ ޖީބަށް ކޮއްޕާލައިގެން ހުރއިރު ކަނާތުގައި އޮތީ ޔޫޝައުގެ ފޯނެވެ. އަހަރެން އިރުކޮޅަކު ޔޫޝައުގެ މޫނަށް ބަލަން އިނީމެވެ. އެ މޫނުމަތިން ފެނުނީ ހަމަޖެހުމެވެ. ތާޒާކަމެވެ. ފިރިހެންވަންތަ ކަމުގެ އިންތިހާއެވެ. އަހަރެން ހިތަށްއެރިއެވެ. ރައްޔާންއަށްވުރެ ޔޫޝައު މާބޮޑުތަނެއް ދޮއްޓެއް ނުވާނެއެވެ. ޔޫޝައު ވާނީ އޭނަގެ ޒުވާން އުމުރުގައި ގައިމު ވެސް ގިނަ އަންހެންކުދިންގެ ހިތް ކަތިލައިލި ފިރިހެނަކަށެވެ. އަހަރެންގެ ޚިޔާލީ ދުނިޔެއިން އަހަރެން ހޭލައްވައިލީ ދެވަނަ ފަހަރަކު ވެސް އަހަރެންގެ ނަމުން ޔޫޝައު ގޮވައިލުމުންނެވެ.

“ޝިބާ! އަހަރެން ވާހަކަ އެބަދައްކަމޭ!“

ތެޅިގެންފައި އަހަންނަށް ބުނެވުނީ ޔޫޝައުގެ މާޒީ އެނގުން މުހިންމު ނޫންކަމަށެވެ. ބުނެވުނު އެއްޗެއް އެނގުނީ ބަސް އަނގައިން ބޭރުވި ފަހުންނެވެ. ހަގީގަތަކީ ޔޫޝައުގެ މާޒީ އެނގެން ބޭނުންނޫނަސް އެދުވަހު ފިހާރައަށް ގުޅާ ރޮއެ ހެދި އަންހެންކުއްޖާ އެ ގޮތަށް ވާހަކަ ދެއްކި ސަބަބު އެނގެން ބޭނުންކަމެވެ. އެހެންނަމަވެސް ބުނެވުނު ބަސް އަނބުރާ ދެނެއް ނުގެނެވޭނެއެވެ. އެ ބަސް އެ ގޮތަށް ނުބުނެވުނު ނަމައޭ ހިތަށް އަރާ އަމިއްލަ ދޫ ކުށްވެރި ކުރެވުނެވެ.

“އެކަމަކު އަހަރެން ބޭނުން ޝިބާ އަށް އެކަން އަންގައިދޭން! އޮޅުން ފިލުވަދޭން! އޭގެ ފަހުގައި ޝިބާ ނިންމާ ކޮންމެ ގޮތަކަށް އަހަރެން ރުހޭނަން!“

 ޔޫޝައުގެ އަޑުގައިވަނީ ޔަގީންކަމެވެ. ވިސްނައިދިނުމެވެ. އެއަށްވުރެ ބޮޑަށް ގާތްކަމެވެ.

ޔޫޝައު ދެން އިށީނީ އަހަރެން އިށީނދެ އިން ސޯފާގެ އަނެއްކޮޅުގައެވެ. އަހަރެން އިނީ ކުރިން ވެސް އިންގޮތަށް އިސްޖަހައިލައިގެންނެވެ.

“ރަށުގައި ހުރެގެން އަމިއްލަ ވިޔަފާރިއެއް މި ކުރަނީ ރަނގަޅު ވަޒީފާއެއް އަދާކުރާހާ އަހަރެންގެ ފެންވަރު ނެތިގެނެއްނޫން! އަހަންނަކީ އެކައުންޓިންގ ދާއިރާއިން ޑިގްރީ ހަދާފައިވާ މީހެއް! އޭލެވެލަށް ކިޔެވީ  ސީއެޗް އެސްއީ އިން! ދުވަސްވަރަކީ އޭލެވެލް އެގްޒާމަށް އަހަރެމެން ތައްޔާރުވަމުން ދިޔަ ދުވަސްވަރު! އެގްޒާމް ފެށުމަށް ހަފުތާއަކަށް ވެފައި އޮތްވާ ސަރާގެ އުފަންދުވަސް އައީ! ތެދެއް! ސަރާ އަކީ މުއްސަނދި އާއިލާ އަކުން އައިސް ހުރި ކުއްޖެއް! ……….. ވަގުތުގެ ގޮތުން ހުރިހާ ކުދިން ވެސް ބޭނުންވީ ބޯ ހަމަޖައްސާލުމަށްޓަކައި ރަނގަޅު ޕާޓީއެއް ބާއްވަން ސަރާއަށް ޕްރެޝަރ ކުރަން! އެއީ ދޭތެރެ ދޭތެރެއިން ސަރާ ޕާޓީ ބާއްވާތީ! ނަސީބަކުން ސަރާ އެގޮތާ އެއްބަސް ވެސް ވެއްޖެ! ޕާޓީ އޮތީ އެގޭގެ ޓެރެސްގައި! ޕާޓީގައި ބައިވެރިވީ ހަމަ އެކަނި ސަރާގެ ކުލާސްކުދިން! އަހަރެމެން! ސަރާގެ އާއިލާގެ މީހުން ވެސް ވަކި ހިސާބަކުން ކުލާސް ކުދިން ސަކަރާތް ޖަހާލަން ވަގުތު ދޭންވާނެ ނޫންހޭ ބުނެ ތިރިއަށް ފޭބީ! އެހިސާބުން އެކި ކަހަލަ ސަކަރާތް ޖެހުމާ އަޑުގަދަ ކުރުން ކުރިއަށް ދިޔަ! ދެ ޖިންސް މަސްސުނިވެ ނެށުމާ ލަވަ ކިއުންވެސް އޮތް! ސަރާ އަކީ އަބަދުވެސް އަހަންނަށް ފާރަލާ ކުއްޖެއްކަން އަހަންނަށް ވެސް އަދި ކުލާހުގެ ގިނަ ކުދިންނަށް ވެސް އެނގޭ! އެހެންވެ އަހަރެމެން ދެމީހުންގެ ނެށުމެއް ބާއްވަން ކޮންމެހެން ޖެހޭނެ ކަމަށް ބުނެ ހުރިހާ ކުދިންހެން އަޑު ހަރުކުރަމުން ދިޔަ! އެއް އިރެއްގައި ވެސް ސަރާ ދެކެ އަހަރެން ލޯތްބެއް ނުވަން! ރައްޓެހި ވާކަށް ޚިޔާލަށް ވެސް ނުގެންނަން! އެކަން ސަރާއަށް ވަރަށް ރަނގަޅަށް އެނގޭނެ!

އެހެންނަމަވެސް އެރޭގެ އެ ވަގުތުގެ ނާޒުކުކަމާ އެހެން ކުދިން އެކަމަށް އެދި ކިޔާވަރުން އަހަރެން އެ ގޮތާ ރުހުނިން! ސަރާ އައިސް އަހަރެންގެ ދެ އަތުގައި ހިފާ އަހަރެންގެ ދެ އަތް ގެންގޮސް ސަރާގެ އުނަގަނޑުގައި ހިފަހައްޓަން ބާރުއެޅި! އަދި ސަރާގެ ދެ އަތުން އަހަރެންގެ ކަނދުރާ ވަށައިލި! މަންޒަރު ބަލަންތިބި ހުރިހާ ކުދިން ފޯރިނަގާ އަޑުގަދަކުރަމުންދިޔަ! އަދި އެހެން ކުދިން ވެސް ނެށުމުގައި އެންމެ ފަހުން މަޝްޣޫލުވި! ވަގުތުގެ ބޭނުން ހިފައި ސަރާ އަހަރެންގެ މޭމަތީ ބޯއެޅި! އަދި އޭނަގެ ދެ އަތުން އަހަރެންގެ ހަށިގަނޑުވަށައިލި! އަހަންނަކީވެސް ޒުވާނެއް! ތަނުގައި އޮތީ މަސްތު ކުރުވަނިވި މާހައުލެއް ކަމުން ކުރަން ނުވާ ކިތަންމެ ކަމެއް ކުރުމަށް ދޮރު އޮތީ ހުޅުވިފަ! މަގު އޮތީ ފަހިވެފައި! އަހަންނަށް ވެސް ވީ ގޮތަކީ ސަރާ ގެނެސް ގަޔާލާ ބޮނޑިކޮށްލެވުނީ! ސަރާގެ ހަށިގަނޑުގެ ހޫނުކަން ލިބުމުން އެ ހޫނުކަމުގެ މަސްތުގައި އަހަރެން ވެސް ވަގުތީ ގޮތުން ނަމަވެސް މަގު އޮޅުނު! އެ ވަގުތު ކުލާސް ކުދިންގެ ތެރެއިން ކުއްޖަކު އައިސް އަހަރެން އަތަށް ދިއްކޮށްލީ ކޯކުތައްޓެއް! ހަނދާންވާގޮތުން ތަށީގެ އެއްބަޔަށް ކޯކު ހުރީ! އޭރު އެހެން ކުދިން ވެސް ކޯކާ އެކި ފާޑުގެ ފިޒީ ޑްރިންކްސް އިން ކަރުތެރެ ފިނިކުރަމުންދިޔަ! އަހަރެން ވެސް ބަލާކަށްނުހުރެ ކޯކުތަށި އެއް ނޭވާއިން ދަމާލިން! އިރުކޮޅަކުން އަހަރެންގެ ބޮލަށް ބަރުވެ މޫނުމަތި ފުސްވާހެން ހީވި! “

ޔޫޝައު އިރުކޮޅަކަށް ވާހަކަ މެދުކަނޑާލުމަށްފަހު ކަނދުރާ މައްޗަށް ހިއްލާލުމަށްފަހު ސޯފާގެ ލެނގޭބަޔަށް ހަށިގަނޑުގެ ބަރުދަން ދޫކޮށްލިއެވެ. އަހަރެން މޫނު އަނބުރާލަމުން ޔޫޝައުއަށް ބަލައިލީމެވެ. ޔޫޝައު އޮތީ ސީލިންގއަށް ބަލަހައްޓައިގެންނެވެ. އެ މޫނުމަތިން ވަކި އަސަރެއް އަހަންނަކަށް ފާހަގައެއް ނުކުރެވެއެވެ. ސިޓިންގރޫމުގެ ބޮކީގެ އަލި ފަނޑުކަމުންނެވެ.

އިރުކޮޅަކުން އަނެއްކާ ވެސް ތެދުވެ ކުރިން އިންގޮތަށް ސޯފާގައި ޔޫޝައު ހަމަ ޖެހިލިއެވެ. އަހަރެން ވެސް ނުބަލާކަމަށް ހެދިގެން އިސްޖަހާލައިގެން އިނީއެވެ.

“ޝިބާ! “

ޔޫޝައު އަހަރެންގެ ނަމުން ގޮވައިލުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ . އެހެންނަމަވެސް “ އޫނ “ އޭ ބުނީ ޔޫޝައުގެ މޫނަށް ނުބަލާ އިނދެއެވެ. އެއީ ވަރަށް ހިތްވަރު ކޮށްގެންނެވެ. ޔޫޝައު ކިޔައިދިން ވާހަކަތަކުން އަހަރެން އިނީ ޖަޒުބާތީ ގޮތުން ކިހާ ބަލިކަށިވެފައިކަން އަންގަން އަހަރެން ބޭނުން ނުވަނީއެވެ.

ދެމީހުންގެ ނޭވާގެ އަޑާ މަޑުކޮށްލެވިފައިވާ ޓީވީއިން އިވެމުންދިޔަ މަޑުމަޑު މިޔުޒިކެއްގެ އަޑު ފިޔަވައި އެއްވެސް އަޑެއް އެތާކުން އޭރަކު ނީވެއެވެ. އެ ހަމަ ހިމޭން މާޙައުލުގައި ދެމީހުންވެސް ތިބީ ހިތުގެ ހައިޖާނެއްގައިކަން ޔަގީނެވެ. އަހަރެން ބޭނުންވީ ތެދުވެގެން އެތަނުންދާށެވެ. އެހެންނަމަވެސް އެވަރުގެ ހިތްވަރެއް ނެތުމުން އިނީއެވެ. ޔޫޝައު ބޭނުން ވާނީ ކިޔައިދެމުން އެދާ އޭނަގެ މާޒީގެ ސަފުޙާތައް ސަފުޙާއަކަށް ފަހު ސަފުޙާއެއް ނިއުޅަމުން ދިއުމަށެވެ. ދެމީހުންގެ ވިސްނުމާ ފިކުރު ދަތުރުކުރަމުން ދިޔައީ ޔަގީނުން ވެސް ދެ ދިމާއަށެވެ. އަހަންނަށް އެކަން އެނގެއެވެ.

އަލުން ވާހަކަ ކުރިއަށްގެންދަން ޔޫޝައު ވެސް ވަރަށް ހިތްވަރު ކުރިއެވެ. އެކަން އެނގުނީ ދެފަހަރަކު ޔޫޝައުގެ އަނގައިން ބޭރުވި އާހްގެ އަޑުންނެވެ.

“ކޯކުތަށި ބުއިމަށްފަހު ކަން ހިނގި ގޮތެއް މާސާފުކޮށް ކިޔައިދޭކަށް އަހަންނަކަށް ނޭނގެ! އެނގޭކަމަކީ އަހަންނަށް ހޭލެވުނުއިރު އޮވެވުނީ ސަރާގެ ކޮޓަރީގައިކަން! އަދި ސަރާގެ އެނދުގައި! ”

އަހަންނަށް އިންތަނުން ފުންމައިގެން ތެދު ވެވުނެވެ. އެވަގުތު ޔޫޝައު ހިފީ އަހަރެންގެ އަތުގައެވެ. އަދި އަލުން އަހަރެން އިންތާ ބޭންދިއެވެ. ޙަރަކާތެއް ވެސް ކޮށްނުލާ އަހަރެން އިނީމެވެ.

އިރުކޮޅެއްވަންދެން މަޑުކޮށްލައިގެން އިނުމަށްފަހު ޔޫޝައު އަނެއްކާ ވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ.

”އޭރު އަހަރެންގެ ގައިގާ ބައްދާލައިގެން ކަހަލަ ގޮތަކަށް ސަރާ އަށް އޮތީ ނިދިފަ! ފިޔާތޮށިކުލައިގެ ތުނިތުނި ނިދާ ހެދުމުގައި! ސަރާ އޮތްގޮތް ފެނުމުން އަހަރެންގެ ހޭ ބުއްދި ފިލައިދިޔަ!….. ރުޅިން! ފުންމައިގެން ތެދުވި އިރުވެސް އަހަރެންގެ ބޮލަށް ހުރީ ބަރުވެފަ! އެނބުރުން އަރާފަ! މޭނުބައިކޮށްފަ! އެހެންނަމަވެސް ވަރަށް ހިތްވަރުކޮށް ޖީބުގައި އޮތް ފޯނު އަތުޖެހޭތޯ ބެލި އިރު ނަސީބަކުން ފޯނު އޮތް! ގަޑި ބަލައިލިއިރު ފަތިހު ހަތަރެއް ޖެހީ! ހަދާނެ ގޮތް ހުސްވެ ހަތަރު އުދަރެސް ފެނު ޖެހުނު! ސަރާ ދެކެ ކުރިންވީ ފޫހި! އޭރު ފޫއްސާ ރުޅިއާ ނަފުރަތު ވެސް އަހަރެންގެ ހިތުގައި ކެކި އުތުރެން ފަށައިފި! އެކުވެރިންގެ ނަމުގައި ތިބެ ކުލާސް ކުދިން އަހަންނަށް މިދިން ލަނޑުގެ މަތިން ހަނދާންވެ އިތުރަށް ރުޅިގަދަވި! އެކަމަކު މިހާރު ވަގުތު ފާއިތުވެއްޖެ! ސަރާގެ މުއްސަނދި ދިރިއުޅުމުގެ ބޭނުން ކޮށްގެން ކުލާސްކުދިން އޭނަ ބޭނުންވި ގޮތް ހަދައިދީފިކަމަށް ގަބޫލުކުރެވުނު!

އެރެއަށްފަހު އަހަރެން ދުވަހަކުވެސް ސަރާ އަކާ ވާހަކައެއް ނުދައްކަން! އަދި އެރޭ އެ ޕާޓީއަށް ދިޔަ އެއްވެސް ކުއްޖަކާ ގާތް ގުޅުމެއް ވެސް ނުބާއްވަން! ޝިބާއަށް އެނގޭތަ!……. ސަރާ އަދި ވެސް މީހަކާ ނީނދޭ!“

ޔޫޝައު ބުނި އެންމެ ފަހުގެ ޖުމުލަ އަޑު އިވުމުން އަހަންނަށް އަނެއްކާވެސް ޔޫޝައުގެ މޫނަށް ބަލައިލެވުނެވެ. “އެހެންވީއިރު އިންނަން ވީނު!“

އެ އިވުނީ އަހަރެންގެ އަޑުކަން އަހަންނަށް ވެސް ގަބޫލުކުރަން ފުރަތަމަ ދަތިވިއެވެ. މި ބަސް އަހަރެންގެ އަނގައިން ނިކުތްއިރު އަހަންނަށް އިނދެވުނީ ޔޫޝައުއާ ދިމާއަށް ދެލޯ ބޮޑުކޮށްގެންނެވެ. ޔޫޝައު ވެސް ސިއްސައިގެން ދިޔަކަން އަހަންނަށް ފާހަގަ ކުރެވުނީ ދެލޯ ހަނިކޮށްލާ މޫނަށް ގެނައި ހަރަކާތުންނެވެ. އަދި ދެން ކުޑަކޮށް ހީނލަމުން ޝިބާ ދެން ނިދަން ދިއަޔަސް އެންމެ ރަނގަޅޭ ބުނަމުން ޔޫޝައު ތެދުވެގެން އަހަރެން އެތާ އިންދާ ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

އަހަރެންނަށް ރުޅިއާދެވިފައި ހުރެވުނު ވަރު އެނގުނީ ޔޫޝައު ދިއުމުން ރަނގަޅަށް ވިސްނާލުމުންނެވެ. ޚުދު އަހަރެން ވެސް އަހަރެންނަށް އައިސްހުރި ބަދަލާމެދު ހައިރާންވިއެވެ.

މިރޭ މި އަޑުއިވުނު ވާހަކަތަމާމެދު ވިސްނަން އިރުގަނޑެއް ވަންދެން އިންތާ އިނުމަށްފަހު އަހަރެންގެ ކޮޓަރިއަށް ދާން ހިނގައިގަތްއިރު ވެސް އަދި ޔޫޝައުގެ ކޮޓަރީގެ ބޮކި ނިންވާނުލާތީ ހޭލާ އުޅޭކަން އެނގެއެވެ.

އޭގެ ފަހުން އެތައް ދުވަހެއް ފާއިތުވެ ދިއައިރު ވެސް އަހަންނަކާ ޔޫޝައު ވާހަކައެއް ނުދައްކައެވެ. އަހަރެން ވެސް ނުދައްކަމެވެ. އެއް ގެއެއްގެ ތެރޭ އުޅުނަސް އުޅެނީ ދެ ބީރައްޓެހިން ފަދައިންނެވެ. މިކަމުގެ ސަބަބުން އެގޭގައި އުޅެން މިހާރު އަހަންނަށް އުދަނގޫވާ ހިސާބަށް ހިނގައްޖެއެވެ. ޔޫޝައު އަހަރެންދެކެނީ ކޮންކަހަލަ ނަޒަރަކުން ކަމެއް އަހަންނަކަށް ނޭނގެއެވެ. މަރީދައްތަ އެދުނު އެދުން ފުއްދައިދޭން އަހަރެން ކިތަންމެ ބޭނުންވިޔަސް އިސްވެ އެވާހަކަ ބުނާކަށް މިހާރަކު އަމުދުން ނުކެރޭނެއެވެ. ޖަވާބުދޭން އަހަންނަށް ލިބުނު ފުރުސަތު ދޫކޮށްލެވިއްޖެ ކަމަށް ހިތް ބުނަން ފަށައިފިއެވެ. ޔޫޝައުގެ ފަރާތުން މި ފެންނަ ފަރުވާ ކުޑަކަމުން ހިތުގައި އެތައް ޝަކުވާއެއް ފުނިޖެހި މާޔޫސްވަމުން ދިއައެވެ. އެންމެ ފަހުން އަހަރެން ގޮތެއް ނިންމީމެވެ. އެއީ އަހަރެން ބޭނުން ކުރަން އޮތް އެންމެ ފަހު ހަތިޔާރެވެ. ފަހަރެއްގައި ވާގޮތަކުން މި ނިންމި ގޮތުގެ ސަބަބުން އާޚިރުގައި ލަނޑުލިބޭނީ އަހަންނަށް ކަމަށްވުން ވެސް އެކަށީގެންވެއެވެ. އެހެން ވިޔަސް ވަރިހަމަ ކަމަށް ބަލާ މިކަން ކޮޅެއްގައި ޖައްސަން އަހަރެން ބޭނުންވިއެވެ.

ޔޫޝައު އޭނަގެ މާޒީ އަހަންނަށް ކިޔައިދިން ރެއަށްފަހު ޔޫޝައު ފިހާރައިން އަންނަން ދެން ހޭލާ އަހަންނެއް ނީންނަމެވެ. އެހެންނަމަވެސް އަނެއްކާ ވެސް މިރޭ ނުނިދާ މަޑުކުރީ ކުރަން ނިންމައިގެން އުޅޭ ކަން ކުރެވޭނެ އެންމެ ރަނގަޅު ވަގުތަކީ އެ ވަގުތު ކަމަށްވާތީއެވެ.

ކުރިން އަހަރެން އިންނަނީ ޓިވީ ޖައްސައިގެން ކަމަށްވިޔަސް މިރޭ ޓިވީއެއް ނުޖައްސަމެވެ. އެތާ އިން ހުރިހާ ވަގުތެއްގައި އަހަރެން ވިސްނީ ޔޫޝައުއާ ކުރިމަތިލާނެ ގޮތަކާމެދުގައެވެ. އެހެން ރޭތަކަށް ވުރެ އަވަހަށް މިރޭ ތަޅުދަނޑިވަޅަށް ތަޅުދަނޑި ޖެހުމުން އަހަރެން ޙައިރާންވިއެވެ. ކާކުބާއޭ ވެސް ހިތަށްއެރިއެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި ދޮރުހުޅުވާލާފައި ވަން ޔޫޝައު ފެނުމުން އަހަންނަށް ސޯފާއިން ތެދުވެވިއްޖެއެވެ. ދިމާ ކުރިމަތީ އަހަރެން ޔޫޝައުއަށް ބަލަން ހުރިތަން ފެނުމުން ޔޫޝައުއަށް ވެސް ހުއްޓެވިއްޖެއެވެ. އުންމީދު ނުކުރާ މަންޒަރެއް ފެނުމުން ބަލާހެން އަހަންނާ ދިމާއަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު ޔޫޝައު ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. އެއްވެސް ބަހެއް ބުނުމަކާ ނުލައެވެ. މި ތަން ފެނުމުން އަހަރެންގެ ކެތްތެރިކަން ކޮޅުން ލައި ޔޫޝައުގެ ނަމުން ގޮވައި ލެވިއްޖެއެވެ. ދުވަހަކުވެސް ގޮވާ ނުލާހާ ބާރަށެވެ. އަހަރެންގެ އަޑުއިވުމުން ޔޫޝައުގެ ފައި ބިމުގައި ތަތްވިފަދައެވެ. ހުރިގޮތަށްފަސް އެނބުރި ނުލާ ހުރުމަށްފަހު އިރުކޮޅަކުން އައިސް ހުއްޓުނީ އަހަރެންގެ ކުރިމަތީގައެވެ. އަހަރެން މޫނު އަނބުރައިލީ ދުރަށެވެ. ޔޫޝައުގެ މޫނަށް ނުބަލަންވެގެންނެވެ. އެހާ ހިތްވަރުނެތީމައެވެ.

“ ބުނޭ! ކީކޭ! “

ޔޫޝައުގެ އަޑު އަހަންނަށް މިއިވުނީ އެތައް ދުވަހަކަށްފަހުއެވެ. އެކަމަކުވެސް ހަމަ އެ އޯގާތެރިކަމެވެ. މަޑުމައިތިރިކަމެވެ. އެ ގާތްކަމެވެ. އަހަރެންގެ ހިތް އިރުކޮޅަކަށް މަޑުޖެހުނެވެ. މަޑުފުށްކޮޅަކަށްވިއެވެ. ޚިޔާލު ބަދަލުވާން އުޅުނެވެ. އެހެންނަމަވެސް ޖަޒުބާތުގެ މައްޗަށް ސިކުނޑިވެރިކުރުވަމުން ބުނީމެވެ.

 “ އަހަރެން މިއުޅެނީ މިގެއިން ދާން!“

ޖުމުލަ ރަނގަޅަށް ނުނިމެނީސް ޔޫޝައު ހިފީ އަހަރެންގެ ދެއަތުގައެވެ. އަދި ލައްކެއްޖަހާ ކައިރިއަށް އަހަރެން ގެންދިއައެވެ. އަހަރެން ގޮސް ޔޫޝައުގެ ގައިގާ ޖެހުނުވަގުތު އަހަރެންގެ ހަށިގަނޑު ތުރުތުރުލަމުންދާކަން އިހުސާސްވިއެވެ. އެ ގޮތުގައި ޔޫޝައުގެ ދެއަތުގެ ތެރޭ އެތައްއިރަކު އަހަރެން ބެހެއްޓިއެވެ. ވައިރޯޅިއަކަށް ވެސް ދެމީހުންގެ ދެމެދަށް ނުވަދެވޭހާ ގާތްކޮށް ގަޔާލާ ފިއްތާލައިގެންނެވެ. އަހަރެންވެސް ދެކޮޅެއް ނަހަދަމެވެ. ކީއްވެ ކަމެއްނޭނގެއެވެ. ހަމަ ހުރެވުނީއެވެ. އެދިގެންނެވެ. ބޭނުންވެގެންނެވެ. ދެން އިވުނީ އަހަރެންގެ ކަންފަތް ދޮށުގައި ވަރަށް ސިއްރު ސިއްރުން ޔޫޝައު ބުނެލި ދެތިން ޖުމުލައެވެ.

“ޝިބާ! ތި ކުއްޖާ ދެކެ އަހަރެން ވަރަށް ލޯބިވޭ! ތިގޮތަށް ރުޅިހަދާލާފަ ދާން ބުނާއިރު އަހަރެން ދެރަވާނެ ވަރު އެއްފަހަރު ވެސް ވިސްނާލިންތަ ! ތި ގޮތަށް އަހަންނާ އަނގައިން ނުބުނެ ދުރުދުރުން އުޅުމުން އަހަންނަށް ކުރާ އަސަރު އިހުސާސް ވެސް ނުވަނީތަ!  ތި ހިތާ ދެކޮޅަށް ތި ގޮތަށް ވާހަކަ ދައްކާ އިރު ތި މޫނުން ކިޔައިދެނީ އެހެން ހަގީގަތެކޭ! ތި މޮޔަ ކުއްޖާ އަށް އެވަރު ނުވިސްނޭތަ! “

އެހެން ބުނަމުން ޔޫޝައު އަހަރެންގެ މޫނު މައްޗަށް ހިއްލާލާ އަހަރެންގެ ނިތްކުރީގައި ބޮސްދިނެވެ. އެތައް ވަގުތެއް ހޭދަކޮށްގެން މިވަގުތަށް އަހަރެން ކުރި ޕްލޭން ފެނަށްވެއްޖެއެވެ.  ޔޫޝައުގެ ނަމުން ގޮވައިލަމުން ޔޫޝައުގެ  ދެއަތުގެ ތެރޭގައި އިތުރަށް ބޮނޑިވެ ގަނެވުނެވެ. މިހާ ސިއްރުން ޔޫޝައުދެކެ ލޯބި ވެވުނީމާ ވެސް އެކަން ސިއްރެއް ނުވިއެވެ. ހިތުގެ ކަނެއްގައި ރައްކާ ކުރެވިފައިވާ ލޯބި ފުރި އުތުރިގެން ބޭރުމިވީ އެންމެ އެކަމަށް އަހަރެން ނޭނދި ހުރި ވަގުތުއެވެ. އާއެކެވެ. ލޯތްބަކީ ކުރިލާ ހެދެން ފަށައިފިނަމަ މަރާލެވޭ އެއްޗެއް ނޫނެވެ. އެއަށްވުރެ އެ އިޙުސާސް ވަރުގަދައެވެ. ތެދުވެރި ލޯތްބަކީ ސާފު ފެންދެމޭ ކޯރެއްފަދަ އެއްޗެކެވެ.

އެކަކު އަނެކެއްގެ ހޫނުން އަރާމު ލިބިގަންނަން ހޭދަ ވެގެން ދިޔަ މަދު މިނިޓްކޮޅަކަށްފަހު ޔޫޝައު އަހަންނާ ދުރަށްޖެހިލިއެވެ.

“ޝިބާ އަދިވެސް ޖަވާބެއް ނުދެމެންނު! އަހަންނާ ރުހެންޏާ ތިލޯބި އަހަންނަށް ދޭން އެއްބަސްވެ ބަލަ!“

 ދެން އަހަރެންގެ މޫނަށް ބަލަން ހުރުމަށްފަހު އަހަންނާ ދިމާއަށް އެއްލޯ މަރައިލިއެވެ. އަހަންނަށް ބޭ އިޚުތިޔާރުގައި ހީނގަނެވި އަނެއްކާވެސް ޔޫޝައުގެ މެދުހަށީގައި ބައްދައިގަނެވުނެވެ.

މަރީދައްތަ ނިޔާވިފަހުން ދެވަނަ އަހަރު ފުރުނުއިރު ތުއްތުތުއްތު ފިރިހެން ކުއްޖަކު އައީ އަހަރެންގެ އުނގު  ފަޅުފިލުވައިދެމުންނެވެ. އެއީ އަހަންނާ ޔޫޝައުގެ ފުރަތަމަ އަދި އެންމެ ފަހުގެ ދަރިފުޅެވެ. ދެން ތިބީ ތިން އަންހެން ކުދިންނެވެ. އެއީ މަރީދައްތަޔާ ޔޫޝައުގެ ކުދިންނެވެ. އަދި އަހަރެންގެ ވެސް އެވެ.  މިހުރިހާ ކުދިންނާ އަހަންނާ ޔޫޝައު އުޅެމުން އައީ އުފާވެރި ލޯބިވެތި ދިރިއުޅުމެކެވެ. ޔޫޝައުވީ މަރީދައްތަ ބުނި ފަދަ ލޯބިދޭން އެނގޭ ހެޔޮ ފިރިއަކަށެވެ. ޔޫޝައު އަކީ އަންހެނަކު ހަޔާތުގެ ބައިވެރިއަކަށް ވާން ބޭނުންވާނެފަދަ އެންމެ ފުރިހަމަ ފިރިއެކެވެ.

                      ( ނިމުނީ )

ގުޅުންހުރި ލިޔުންތައް

ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ – 01

ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ – 08

މާރޗް 3, 2021
އަބަދުވެސް އިންތިޒާރު ކުރާނަން – 15

އަބަދުވެސް އިންތިޒާރު ކުރާނަން – 15

މާރޗް 2, 2021
ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ – 01

ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ – 07

ފެބްރުއަރީ 28, 2021
ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ – 01

ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ – 06

ފެބްރުއަރީ 24, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • އަނިޔާ ކުރިކަމަށްް ބުނެ، ދައުރުކުރަމުންދާ ފޮޓޯގެ ޙަޤީޤަތް، ސީޕީ ޙަމީދު ހާމަކޮށްދެއްވައިފި

    އަނިޔާ ކުރިކަމަށްް ބުނެ، ދައުރުކުރަމުންދާ ފޮޓޯގެ ޙަޤީޤަތް، ސީޕީ ޙަމީދު ހާމަކޮށްދެއްވައިފި

    0 shares
    Share 0 Tweet 0
  • ޝައިޚުން ނިކުމެ، އުސްތާޛު މައުމޫން ވަރަށް ބޮޑަށް ލަދުގަންނަވާލައިފި

    0 shares
    Share 0 Tweet 0
  • މޫނު ބުރުގާ އެޅުން ވާޖިބެއްނޫން، އެކަމަކު ވާޖިބުވާ ހާލަތެއް އެބައޮތް: ޑރ.އިޔާޒް

    0 shares
    Share 0 Tweet 0
  • ހައިކޮމިޝަންގެ ފާރުމަތިން، މީހަކު ވައްދައިދިނުމަށް ފުލުހުން އެހީތެރިވާ ވީޑިއޯއެއް ޢާންމުވެއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In