ރާއްޖެއާއި ޗައިނާއާި ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރިމަންޓަކުން ރާއްޖެއަށް ފައިދާއެއްވާކަމެއް ފާހަގަކުރެއްވިފައި ނުވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވަނީ ޗައިނާއާއެކު އެއްބަސްވެފައިއޮތް ފްރީ ޓްރޭޑް އެގްރިމަންޓަށް ޢަމަލުނުކޮށް, އެ އެއްބަސްވުމުން ލިބޭ ލުއިތައް ދިވެހި މަސްވެރިންނަށް ނުލިބެނީ ކީއްވެތޯ މިނިސްޓަރު އަމީރާއި ސުވާލުކުރައްވާފައެވެ.
މެންބަރު ޖާބިރުގެ މި ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަމީރު ވިދާޅުވީ ޗައިނާއާއެކު އެއްބަސްވެފައިއޮތް ފްރީ ޓްރޭޑް އެގްރިމަންޓަށް ޢަމަލުކުރެވެން ނެތްކަމަށާއި އެގޮތީ އެ އެގްރިމަންޓް ތަންފީޒުކުރަން މަޖިލީހުން އިތުރު ޤާނޫނުތަކެއް ހަދަންޖެހުނު ނަމަވެސް އެ ޤާނޫނުތައް ނުހަދާ އޮތުންކަމަށެވެ.
އެ ގޮތުން ހަދަންޖެހޭ ޤާނޫނުތައް ނުހަދާ ފްރީ ޓްރޭޑް އެގްރިމަންޓަށް ޢަމަލުކުރެވެން ނޯންނާނެކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. އަދި ހަމައެހެންމެ ފްރީ ޓްރޭޑް އެގްރިމަންޓަކުން ރާއްޖެއަށް ފައިދާއެއްވާކަމެއް ފާހަގަކުރެއްވިފައިނުވާ ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރުގެ މި ވާހަކާއާއި ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ފްރީ ޓްރޭޑް އެގްރިމަންޓުގެ 165 މާއްދާގެދަށުން ޢަމަލުކުރެވެން އަންނަނީ ރާއްޖެއާއި ޗައިނާއާއި ދެ ޤައުމުގެ ފަރާތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްގެން ކަމަށާއި ނަމަވެސް އެއްވެސް ފަރާތަކުން އެކަން ފުރިހަމަކޮށްފައި ނުވާކަމަށެވެ.
އެހެންކަމުން ދެ ޤައުމުގެ ދެމެދުގައި ފްރީ ޓްރޭޑް އެގްރިމަންޓެއް ނެތްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވިއިރު ކުރީގެ ރައީސް ޢަބްދުﷲ ޔާމިނުގެ ޒަޢާމަތުގައި ފްރީ ޓްރޭޑް އެގްރިމަންޓުގައި ސޮއިކޮށްފައިވާއިރު އެމްޑީޕީން އަންނަނީ ދެކޮޅުހަދަމުންކަން ވެސް ފާހަގަކޮށްލެވެއެވެ.