ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 35 މީހުން ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން(އެޗްޕީއޭ) ކުރި ޓްވީޓެއްގައި ބުނީ އަންގާރަ ދުވަހުގެ ހަވީރު 18:00 އިން ފެށިގެން ބުދަ ދުވަހުގެ އެ ވަގުތާއި ހަމައަށް ރާއްޖެއިން ކޮވިޑަށް އިތުރު 35 މީހުން ޕޮޒިޓިވްވެފައިވާކަމަށެވެ.
މި ގޮތުން ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ 30 ދިވެހިންނާއި 5 ބިދޭސީންކަމަށް އެޗްޕީއޭގެ ޓްވީޓުގައި ބުނެފައިވެއެވެ.
އެޗްޕީއޭއިން ބުނީ އެ މީހުންގެތެރެއިން 32 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވާ މީހުންކަމަށާއި 3 މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅުތަކުގެ ބައެއް ރަށްރަށުންކަމަށެވެ.
އޭގެ އިތުރުން އެޗްޕީއޭއިން ވަނީ ބަލިޖެހިފައިވާ މީހުންގެތެރެއިން އިތުރު 81 މީހުން ރަނގަޅުވެފައިވާ ކަމަށް ވެސް ބުނެފައެވެ.
އެ ގޮތުން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު 9547 އަށް އިތުރުވެފައިވާކަމަށް ވެސް އެޗްޕީއޭގެ ޓްވީޓުގައި ވަނީ ބުނެފައެވެ.
އެހެންކަމުން މިހާރު ފަރުވާދެމުން އަންނަނީ 1068 މީހުންނަށް ކަމަށާއި އެ މީހުންގެތެރެއިން 63 މީހުންނަކީ ހޮސްޕިޓަލުގައި ފަރުވާހޯދަމުން އަންނަ މީހުންކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 10656 އަށް އިތުރުވެފައިވާއިރު 34 މީހަކު ވަނީ ނިޔާވެފައެވެ.