ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނަށް، ރާއްޖޭގެ ކުރީގެ ނައިބޔު ރައީސް އަހުމަދު އަދީބު އަތުން ރިޝްވަތު ނަގަން އަންގާފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.
އެމަނުކިކުފާނު މިހެން ވިދާޅުވެފައިވަނީ، ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ނޫސްވެރިޔާ ސުވާލު ކުރެއްވީ، އަހުމަދު އަދީބު ރާއްޖޭގެ ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރުމަށް، ގާނޫނަށް އިސްލާހު ގެނައުމަށް ހުށައެޅުނު އިސްލާހަށް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވޯޓު ދެއްވީ އަދީބު އަތުން ރިޝްވަތު ނަންގަވައިގެން ކަމަށާއި، އަދި އެކަމަށް ރައީސް ނަޝީދު ހުއްދަ ދެއްވުމުން ކަމަށް ދެކެވޭ ވާހަކައިގެ ތެދު މައުލޫމާތު ހޯދުމަށެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، ”ނޫން، އަންގާފައި ނުވާ.“ ކަމަށެވެ.
އެހެން ނަމަވެސް ބައެއް ފަރާތްތަކުން މީގެ ކުރިން އެކަމާއި ގުޅިގެން ބުނަމުންދަނީ، ރައީސް ނަޝީދު އޭރު ޖަލު ހުކުމެއްގައި ހުރުމުގެ ސަބަބުން އެކަމުން މިނިވަން ވުމަށް އަދީބު އެދުނު އިސްލާހު ތަކަށް އެމްޑީޕީ މެމްބަރުން ވޯޓު ދިނީ، ރައީސް ނަޝީދު އަންގަވައިގެން ކަމަށެވެ. އަދި މިފަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން ޖަލްސާއެއްގައި ނަޝީދު ވަނީ، އަދީބަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު އެޅުއްވި ކަތުރު ފަންޏެއް ކަމަށްވެސް ވިދާޅުވެފައެވެ.
އެމްއެމްޕިއާރުސީގެ ހިޔާނާތުގެ ފައިސާ ރާއްޖޭގެ ކުރީގެ ރައީސުންނާއި، މަޖިލީހުގެ މެމްބަރުންގެ އިތުރުން ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ލިބިފައިވާނެ ކަމަށް، އަހުމަދު އަދީބު ވަނީ ކޯޓުގައި ދާދި ފަހުން ވިދާޅުވެފައެވެ. އަހުމަދު އަދީބު ގެންދަވަނީ، އެހިޔާނާތުގެ އެކިއެކި މައްސަލަތަކުގައި 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.