”މި އޮޑިއެއް ނުފެތޭނެ“ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު ވިދާޅުވިޔަސް، އޮޑި ފެތެން ވަރަށް ގާތްވެފައިވާކަމަށް ވިދާޅުވެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ރައީސް ނަޝީދަށް ރައްދުދެއްވައިފިއެވެ.
ރައީސް ނަޝީދު އެންމެ ޢާންމުކޮށް ވިދާޅުވާ، އެއް ބަސްފުޅުކަމަށްވާ ”މި އޮޑިއެއް ނުފެތޭނެ“ ކަމަށް އިއްޔެ ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދާއި، ރައީސް ޞާލިޙާއި ދެ ބޭފުޅުން އިއްޔެ ބޭއްވެވި ކުއްލި ބައްދަލުވުމަށްފަހު، ރައީސް ޞާލިޙަށް ޓެގްކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ ގޮތެއްވިޔަސް މި އޮޑިއެއް ނުފެތޭނެކަމަށާއި ދެ ބޭފުޅުން އެކުގައި މަސައްކަތްޕުޅުކުރެއްވުމުން، ސަލާމަތުގެ އައްސޭރިއަށް ރާއްޖެ ގެނެވޭނެކަމަށެވެ.
ރައީސް ނަޝީދުގެ މި ވާހަކައަށް ރައްދުދެއްވައި މުޙައްމަދު އިސްމާޢީލް ވިދާޅުވީ ”ތި އޮޑި ފެތޭނެ ދުވަސް ކައިރިވެއްޖެ“ ކަަމަށެވެ. އަދި ރައީސް ނަޝީދު އެ ވިދާޅުވާ އޮޑި ފެންމަތީގައި ދިޔަވެދިޔަވެ އެ އޮންނަނީ ދިރިތިބި މީހުންނަށް އިމްތިހާނަކަށް ކަމަށް ވެސް މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.
އޭގެ އިތުރުން މުޙައްމަދު އިސްމާޢީލް ވަނީ މި ސަރުކާރުގެ އިސް ބޭފުޅުން ޤައުމަށްވަމުންދާ ޤައްދާރުވުމުގެ ނަތީޖާ ކޮންމެވެސް ހިސާބެއްގައި އަރައި ހަމަކުރާނެ ކަމަށާއި ދިވެހިރައްޔިތުންގެ ނިދާއެއްގޮތުގައި އެންމެހައި ރައްޔިތުންގެ ކުރާ ދުޢާއަކީ ވެސް އެއީ ކަމަށެވެ.