ރައްޔިތުންގެ މަޖިލީހުގެ ހުއްދައެއްނެތި މި ޤައުމުގެ ރައްޔިތުން ލޮކްޑައުންގައި ނުބޭތިއްބޭނެކަމަށާއި، މިހާރުން މިހާރަށް ލޮކްޑައުން އުވައިލަން ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ގޮވާލައްވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ މި ވަގުތުން މި ވަގުތަށް ރައްޔިތުން މިނިވަންކުރަން ރައީސް ޞާލިޙަށް ގޮވައިލައްވާކަމަށެވެ. އަދި މިއީ ޤާނޫނު އަސާސީއެއް އޮންނަ ޤައުމެއްކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ހުއްދައެއްނެތި މި ޤައުމުގެ ރައްޔިތުން ލޮކްޑައުންގައި ނުބޭތިއްބޭނެކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
”ރައްޔިތުންގެ މަޖިލީހުގެ ހުއްދައެއްނެތި މި ޤައުމުގެ ރައްޔިތުން ލޮކްޑައުންގައި ނުބޭތިއްބޭނެ. ހަމަ މިހާރުން މިހާރަށް ދޫކުރާށޭ. އެހެންނޫނީޔާ މާދަން ޤާނޫނުއަސާސީއާ ރައީސުލްޖުމްހޫރިއްޔާ ޚިލާފުވެއްޖެކަމަށް މަޖިލީހުގައި އަޅުގަނޑުމެން ވާހަކަދައްކަން ޖެހިދާނެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ ސިޔާސީގޮތުން ހުވާކޮށްގެން ހުރިމީހެއް ރައްޔިތުންގެ މައްޗަށް. ޓެކްނިކަލް ބަޔަކާ ސައިންޓިސްޓުންނާއި ޤައުމު ހަވާލުކޮށްފައި މަގުމަތިން އެ މީހުން ގިނަ މީހުން ހޮވައިފިކަމަށްވަންޏާ ގިނަމީހުން ޖޫރިމަނާކޮށްފިއްޔާ, މަގުމަތިން މި ބޭފުޅުންނަށް ލާރިލިބޭހާ ދުވަަހަކު މިކަން ނުހުއްޓޭނެ އިނގޭތޯ“(ޖާބިރު)
ޖާބިރު ވިދާޅުވީ ރައްޔިތުން މިހާރު ޑިޕްރެސްވެއްޖެކަމަށެވެ. އަދި ޙަޤީޤަތުގައި ވެސް ލޮކްޑައުންކުރަންޖެހޭނީ ރައްޔިތުން ބަންދުގައި ބައިތިއްބަންޖެހޭނީ މަޖިލީހުގައި ޑެލިބަރޭޓްކޮށްގެން ކަމަށާއި މަޖިލީހުގެ ބަހެއްނުހޯދާ އެހައ ދިގު މުއްދަތަކަށް އިމަރޖެންސީއެއް ނުހިންގޭނެކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވަނީ މަޖިލީހުގައި 65 މެންބަރުން ތިއްބަސް، ޤާނޫނުއަސާސީއާއި ޚިލާފަށް ރައީސް ޞާލިޙް ކަންކަން އޮޕަރޭޓްކޮށްގެން ނުވާނެކަމަށް ވެސް ވިދާޅުވެފައެވެ.