ބައިނަލް އަގްވާމީ އެކުވެރި ކަމުގެ ފުޓުބޯޅަ މެޗުގައި ރޭ އިޓަލީ އަދި ފްރާންސް ކުޅުނު މެޗުތަކުން އެދެޓީމު ބޮޑު ތަފާތަކުން މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި، އިޓަލީއިން ވަނީ 6-0 ގެ ނަތީޖާއަކުން، މޯލްޑޮވާގެ މައްޗަށް ބޮޑު ކުރިއެރުމެއް ހޯދާފައެވެ. މި މެޗުގައި އިޓަލީގެ ކޯޗުވަނީ ގިނަ ކުޅުންތެރިންގެ ފެންވަރު ބެލުމަށް ބަދަލުތައް ގެނެސްފައެވެ. ރޭގެ މެޗުގައި އިޓަލީގެ ކެޕްޓަން ބޭންޑު އަޅާއިގެން ކުޅުނީ، ސްޓެފަން އަށ ޝަރާވީއެވެ. އޭނާ ވަނީ ދެ ލަނޑު ކާމިޔާބު ކޮށްދީފައެވެ. އިޓަލީން ޖެހި ބާކީ 4 ލަނޑުގެ ތެރެއިން އެއް ލަނޑަކީ އިދިކޮޅު މޯލްޑިވާގެ ކުޅުންތެރިންގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ބާކީ އެޓީމުން ޖެހި 3 ލަނޑު ޖަހައިދިނީ، ބްރަޔަން ކްރިސްޓޭން އާއި ފްރަންސެސްކޯ ކަޕޫޓޯ އަދި ޑޮމެނިކޯ ބެރާޑީ އެވެ.
ޔޫކްރޭން އަތުން ފްރާންސް މޮޅުވީ 7-1 ގެ ނަތީޖާ އަކުންނެވެ. އޮލިވާ ޖިރޫ ވަނީ ރޭގެ މެޗުގައި 2 ލަނޑު ޖަހާދީފައެވެ. މިއީ އޭނާ ފްރާންސްއަށް ކުޅެދިން 100 ވަނަ މެޗެވެ. މީގެ އިތުރުން ފްރާންސްގެ 17 އަހަރުގެ އެޑުއާޑޯ ކަމަވިންގާ ވަނީ ރޭގެ މެޗުގައި ލަނޑު ޖަހާ ގަރުނެއްގެ ތެރޭގައި އެޓީމަށް ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އަށް ވެފައެވެ. ކޮރެންޓިން ޓޮލިސޯ، ކީލިއަން އެމްބާޕޭ އަދި އެންޓޮއިން ގްރިޒްމަން ތެރެއިން ކޮންމެ ކުޅުންތެރިއަކު އެއް ލަނޑު ޖަހައި ދިން އިރު އަނެއް ލަނޑަކީ ޔޫކްރެއިންގެ ކުޅުންތެރިންގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މީގެ އިތުރުން ރޭ ކުޅުނު ސްޕެއިނާއި ޕޯޗުގަލް ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ޕޯޗުގަލް ޔާއޯ ފެލިކްސް އަށެވެ. ގޯލް ރޮނގު މަތިން ވައްދާލަން ލިބުނު ބޯޅަ އޭނާގެ ފައިގައި ޖެހިފައި ދިޔައީ ބޭރަށެވެ.