ކްރިމިނަލް ކޯޓާއި ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުމުން، ކްރިމިނަލް ކޯޓަށް ކުރިމަތިލެއްވީ އެންމެ ބޭފުޅެއްކަމަށާއި ހައިކޯޓަށް ވެސް ކުރިމަތިލެއްވީ ވެސް އެންމެ ބޭފުޅެއްކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނެފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރުކަމަށާއި ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ހުޅުވައިލީ ހުސްވި މަހުގެ 28 ވަނަ ދުވަހުން ފެށިގެން މި މަހުގެ 06 ވަނަ ދުވަހުގެ 13:00 ހަމައަށެވެ.
ނަމަވެސް އެ މުއްދަތު ހަމަވިއިރު އެއިން ކޮންމެ މަޤާމަކަށް ވެސް ކުރިމަތިލައްވާފައިވަނީ އެންމެ ބޭފުޅެއްކަމަށް ޖޭއެސްސީން ބުނެއެވެ. އެހެން ނަމަވެސް އެއީ ކޮންބޭފުޅުންނެއްކަމެއް ޖޭއެސްސީއަކުން ހާމައެއް ނުކުރެއެވެ.
ކްރިމިނަލް ކޯޓާއި ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުމުންދެ ބޭފުޅުން ކުރިމަތިލާފައިވާއިރު، ހައިކޯޓުގެ އިސްފަނޑިޔާރެއްގެ މަޤާމުގައި ހުންނެވީ ޝުޖާއު އުސްމާނެވެ. އަދި ކްރިމިނަލް ކޯޓުގައި ހުންނެވީ އަޙްމަދު ހައިލަމެވެ.