ރ.އަނގޮޅިތީމު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީއާއި ހަވާލުކޮށްފިއެވެ.
މި ކަން ހާމަކޮށް އެމްޓީސީސީން މިއަދު ބުނީ އަނގޮޅިތީމު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު، ޕްލޭނިންގ މިނިސްޓްރީން މިއަދު އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަށެވެ.
މި ގޮތުން މަޝްރޫޢުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ.
އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
44.31 މިލިއަން ރުފިޔާގެ މި މަޝްރޫޢު އެއްއަހަރު ދުވަހުގެތެރޭގައި(365 ދުވަސް) ނިންމައިލެވޭނެކަމަށް އެމްޓީސީސީން ވަނީ ލަފާކޮށްފައެވެ.
މި މަޝްރޫޢުގެ މަސައްކަތްތަކުގެތެރެއިން 42،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.
އޭގެ އިތުރުން 221 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމަށާއި 166 މީޓަރުގެ ސަރަހަައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.
ހަމައެއާއެކު 91.44 މީޓަރުގެ ސަރަހަައްދެއްގައި އެއްގަމުތޮށިލުމަށާއި 1110 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމުގެ އިތުރުން މަގުބައްތި ހަރުކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.