އައްޑު އަތޮޅު ހިތަދޫ ވިޔަފާރިވެރިއެއްކަމަށްވާ އެ ރަށު ބުރުނީގޭ ޢަލީ ޢަބްދުﷲ މަރައިލި މައްސަލައިގައި އޭނާއަށް ބޮޑުބޭބެ ކިޔާ މީހެއްގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ދަޢުވާ ސާބިތުވެ ޖަލަށްލުމަށް ޙުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދަޢުވާލިބޭ ފަރާތްތަކުގެތެރެއިން މިއަދު ކުރިއަށް ގެންގޮސްފައިވަނީ އައްޑު އަތޮޅު ހިތަދޫ/ހެޕީފިއުޗަރ, އަޙްމަދު އިބްރާހިމްދީދީގެ ޝަރީޢަތެވެ.
ދަޢުލަތުން އަޙްމަދު އިބްރާހިމްދީދީގެ މައްޗަށްވަނީ ޤާނޫނުލްއުޤޫބާތުގެ 110 ވަނ މާއްދާގެ(ރ)ގެ ދަށުން އެނގިހުރެ މީހަކު މެރުމުގެ ދަޢުވާކޮށްފައެވެ.
އަޙްމަދު އިބްރާހިމްދީދީގެ މައްޗަށް ކުރި މި ދަޢުވާކުރިއިރު, ޝައްކެއްނެތް މިންވަރަށް ވަނީ ކުށް ސާބިތުވެފައެވެ. މި ގޮތުން އަޙްމަދު އިބްރާހިމްދީދީ 12 އަހަރާއި 06 މަސް ދުވަހަށް ޖަލަށްލުމަށް މިއަދު ވަނީ ޙުކުމްކޮށްފައެވެ.
މި މައްސަލައިގައި އަޙްމަދު އިބްރާހިމްދީދީއަށް ޙުކުމްކޮށްފައިވާއިރު އެކަމުގައި ޝާމިލްވާ އިތުރުބަޔަކަށް ވެސް ދަޢުވާކޮށް ޝަރީޢަތް ހިނގަމުންދެއެވެ.
މި މައްސަލައާއި ގުޅިގެން މީގެ ކުރިން ފުލުހުން ބުނީ ޢަލީ ޢަބްދުﷲ މަރާލާފައިވަނީ މުދަލާއި ފައިސާގެ ދަހިވެތިކަމުގައި ކަމަށެވެ.
ފުލުހުން ވިދާޅުވީ 2016 ވަނަ އަހަރު މާޗުމަހުގެ 2 ވަނަ ދުވަހުގެ ވަގުތެއްގައި ސ.ހިތަދޫގައި ހުންނަ ޓޫ ވޭވް ފިހާރައިން ގިނަ ޢަދަދެއްގެ ފައިސާ ވަގަށް ނަގައި, ޓޫ ވޭވް ފިހާރައިގެ ވެރިފަރާތްކަމަށްވާ ޢަލީ ޢަބްދުﷲ ޚަބަރެއް ނުވުމާއި ގުޅިގެން ޢާއިލާގެ ފަރާތުން މާޗުމަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 07:15 ހާއިރު ހިތަދޫ ޕޮލިސް ސްޓޭޝަނަށް މަޢުލޫމާތު ދީފައިވާކަމަށެވެ.
އޭގެ އިތުރުން ފިހާރައިގެ ތަޅު ހަލާކުކޮށްލައި ފިހާރައިގެ ވަތްގަނޑުގައިހުރި ފައިސާއާއި ފިހާރައިގައި ރީލޯޑް ކުރަން ގެންގުޅޭ ފޯނުވެސް ނެތްކަމަށާއި ފިހާރައިގައި ފައިސާ ބަހައްޓާ ވަތްގަނޑު ކައުންޓަރު ކައިރީ ހުރި ގޮނޑިއެއްގެ މަތީގައި ހުރިކަމުގެ މަޢުލޫމާތު ދީފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި ގޮތުން މި މައްސަލައިގައި ތުުހުމަތުކުރެވޭ މީހެއްގެގޭގައި ވަޅުލާފައި ވަނިކޮށް 40000 އަށްވުރެ ގިނަ ފައިސާ ހޯދާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޢަލީ ޢަބްދުﷲ މަރާލާފައި އޮއްވާ ފެނުނީ ހިތަދޫ ސްކޫލު ކައިރީގައި އޮންނަ ޗަކަ ބިމަކަށެވެ.
އޭނާ ފެނުނުއިރު ދެއަތުގެ އުޅަނބުށިން ތެޔޮހަން ގޮސްފައިވާކަމަށާއި ދޫ ބޭރަށްނުކުމެފައި ހުރުމުގެ އިތުރުން ކަރުގައި އެއްޗެއް އޮޅާލާފައިހުރި ކަމުގެ ނިޝާންތައް ފެންނަން ހުރިކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭގެ އިތުރުން ދެލޯ ވަރަށް ބޮޑަށް ހުޅުވިފައިވާކަމަށާއި ދެލޮލުގެ ކަޅި މައްޗަށް ހުއްޓިފައިވާކަމަށާއި ހަށިގަނޑު ބިންމަތީގައި ދަމާފައި ގެންދިޔަކަމުގެ ނިޝާންތައް ފެންނަން ހުރުމުގެ އިތުރުން ދެއަތުގެ މުލައްދަނޑީގައި ކުދިކުދި ތަންތަންކޮޅުން ތެޔޮހަން ގޮސްފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.