ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަނޫރާގް ކަޝްޔަބް އޭނާގެ ފިލްމުތަކުން އާ އަންހެން ފަންނާނުންނަށް ފުރުސަތު ދެނީ އެމީހުންނާއިއެކު ނާޖާއިޒު ގުޅުމެއް ބާއްވަމުން ކަމަށް ބުނެ މީޑިއާގައި ދެއްކި ވާހަކަތަކާއި ގުޅިގެން އަނޫރާގާއިއެކު މަސައްކަތް ކުރި ބަތަލާ ރިޗާ ޗައްޑާ ދެ ފަރާތަކަށް އަބުރުގެ ދައުވާ އުފުލައިފި އެވެ.
ބޮމްބޭ ހައިކޯޓުގައި ރިޗާ އަބުރަށް އަރައިގަތުމުގެ ދައުވާ އުފުލީ ޕާޔަލް ގޯޝްގެ އިތުރުން ބޮލީވުޑް ފިލްމުތަކަށް ފާޑު ކިޔާ ކްރިޓީކް ކަމާލް އާރު ހާންގެ އިތުރުން ޓީވީ ސްޓޭޝަނަކަށެވެ.
އަނުރާގްގެ ފިލްމުތަކުގައި މަސައްކަތް ކުރާ އާ ބަތަލާއިންނާއިއެކު އޭނާ ނާޖާއިޒު ގުޅުމެއް ބާއްވާކަމަށް ބުނެ މީޑިއާގައި ވާހަކަ ދެއްކީ ޕާޔަލް އެވެ. އޭނާގެ މައްޗަށް ރިއާ ދައުވާ ކުރުމުން އެކަމަށް މައާފަށް އެދުމަށް ކޯޓުން ޕާޔަލް އަށް ފުރަތަމަ އެންގި އެވެ. އެހެންނަމަވެސް ޕާޔަލް އެކަމާއި ދެކޮޅު ހެދި އެވެ.
އެންމެ ފަހުން ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޕާޔަލްގެ ވަކީލު ވަނީ އޭނާ ހުރީ ރިއާގެ ކިބައިން މައާފަށް އެދި މީޑިއާތަކަށް އޭނާ ދިން ސްޓޭޓްމެންޓު އަނބުރާ ގެނައުމަށް ތައްޔާރަށް ހުރިކަމަށް ބުނެފަ އެވެ.
މިކަމާއި ގުޅިގެން ބޮލީވުޑް ކްރިޓީކް ކަމާލް އަދި ކޯޓަށް ޖަވާބުދާރީއެއް ނުވެ އެވެ. އޭނާގެ ވަކީލު އެންމެ ފަހުން ކޯޓުގައި ބުނީ އޭނާ މިވަގުތު ހުރީ ގައުމުން ބޭރުގައި ކަމުން ޖަވާބުދާރީ ވުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.
ރިޗާ ކުރި އަބުރުގެ ދައުވާގައި ވަނީ ލިބުނު ގެއްލުމުގެ ބަދަލުގައި 1.1 ކްރޯޑް އިންޑިއަން ރުޕީސްއަށްވެސް އެދިފަ އެވެ.
ރިޗާ ބޮލީވުޑަށް ތައާރަފުވީ އަނުރާގު ޑައިރެކްޓުކުރި ”ގޭންގްސް އޮފް ވަސްޔަޕޫރު“ އިންނެވެ. އެފިލްމަކީ އެއަހަރު ނިކުތް ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމެކެވެ.