ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން 05 ސަރަހައްދެއް ހިމާޔަތްކޮށްފިއެވެ.
މިކަމާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ރޭ ބުނީ 8 އޮކްޓޫބަރު 2020 އިން ފެށިގެން ޅ.އަތޮޅު މާގަނޑު ތިލަ (އެނިމޯން ތިލަ) ސަރަހައްދާއި، ސެއްޅިފުށި – ހިރިޔަދޫ ސަރަހައްދާއި، މާކޯ ސަރަހައްދާއި، ވައްވަރާއި ދަނޑިފަޅު ފިނޮޅާއި ދަނޑިފަޅު ކަނޑުއޮޅި ސަރަހައްދުގެ އިތުރުން ދަށުގިރި ފިނޮޅު ސަރަހައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމަށް ހަމަޖައްސާފައިވާ ކަމަށެވެ.
މީގެ އިތުރުން އެންވަޔަރަންމަންޓު މިނިސްޓްރީ ބުނީ މި ސަރަހައްދުތައް ބެލެހެއްޓުމުގައި ޢަމަލު ކުރާނީ ޤުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ޤަވައިދުގައިވާގޮތުގެ މަތިންކަމަށެވެ.
މި ފަސް ސަރަހައްދަށް ބަލާއިރު, ޅ.އަތޮޅު މާގަނޑު ތިލަ (އެނިމޯން ތިލަ) ސަރަހައްދަކީ ޅ.އަތޮޅު އުތުރަށްވާ ގޮތަށް އަތޮޅުގެ މެދުގައި އޮންނަ ގިނަ ޢަދަދަކަށް މާގަނޑު ހުންނަ ސޮފްޓް ކޮރަލް އަދި ހާރޑް ކޮރަލް ގިނަ ސަރަހައްދެކެވެ. ޅ.އަތޮޅު އުތުރު ބިތުގައި އޮންނަ ފަޅު ރަށެކެވެ. ޅ.މާކޯއަކީ މާފިލާފުށީގެ އިރުން އޮންނަ ބޮޑު ކަކުންޏާއި ބޮނޑު ދިރިއުޅޭކަމަށް ފާހަގަކުރެވިފައިވާ ގަސް ބޯ ރަށެކެވެ. އޭގެ އިތުރުން އެ ރަށުގައި އޮންނަ ކުޅިއެއްގެ ސަބަބުން އެރަށް ޚާއްސަވެގެންދެއެވެ. ޅ.ވައްވަރަކީ ނައިފަރުގެ ދެކުނަށް އޮންނަ ފަޅުރަށެކެވެ. ޤުދުރަތީ ދިރުންތަކުން މުއްސަނދިކަން ލިބިފައިވާ ފަރެއް އޮންނަ ރަށެކެވެ. ދަށުގިިރި ފިނޮޅަކީ މާފިލާފުށީގެ އުތުރުގައި ވޭވަށުގެ އިރުމައްޗަށްވާހެން އުފެދިފައިވާ ބޮޑު ވެލިގަނޑެކެވެ. މި ފިނޮޅުގެ ވެލިގަނޑަކީ ހުރިހައި މޫސުމެއްގައި ވެސް އެންމެ ގިނައިން ދޫނި ފެންނަ ފިނޮޅެއްކަން ފާހަގަކޮށްލެވެއެވެ.