”އިންޑިއާ އައުޓް“ ގެ ނަމުގައި, ރާއްޖޭގައި ތިބި އިންޑިއާ ސިފައިން, ރާއްޖެއިން ފޭބުމަށް ގޮވާލާ ކުރިއަށްގެންދާ ހަރަކާތުގައި ހަނގުރާމަވެރި ޖަމާޢަތް އައިސިސްގެ ކަޅުދިދަ ބޭނުންކުރާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
މި ގޮތުން ކުރެެއްވި ޓްވީޓުގައި އިންޑިއާއާއި ދެކޮޅަށް ހިންގާ ހަރަކާތުގެ ދިދައަކަށް އައިސިސްގެ ދިދަ ބޭނުންކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާކަމެއްކަން ފާހަގަކުރައްވައި ވިދާޅުވީ “އެ ދިދައިގަ މިހާރުވާ ލިޔުން އައިސިސްގެ ދިދައިގެ ލިޔުމަށް ބަދަލުކުރުމަށް ރޭވުމަކީ މި ބާވަތުގެ މުޢާމަލާތުގައި ޢާންމު އުކުޅެއްކަމަށް މާހިރުންދެކޭ“ ކަމަށެވެ. އަދި އެކަމާ ދިވެހިން ވިސްނުމަށް ވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
ރައީސް ނަޝީދު މި މޭރުމުން ވާހަކަދައްކަވާފައިވާއިރު އެ މަނިކުފާނު ވަނީރާއްޖޭގައި އިންޑިއާއާއި ދެކޮޅަށް ހިންގާ ކެމްޕެއިންގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ޝާމިލުވާ ކަމަށް ވެސް ތުހުމަތުކުރައްވާފައެވެ.