ކޮވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވައިލިފަހުން 22000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ކޮވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވައިލީ ޖުލައި މަހުގެ 15 ވަނަ ދުވަހުގައެވެ.
ޓޫރިޒަމް މިނިސްޓްރީން ކޮންމެ ހަފުތާއަކު ޢާންމުކުރާ ތަފާސް ހިސާބުތަކުގައިވާ ގޮތުން ބޯޑަރު ހުޅުވައިލިފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އެއްމަހުން އަނެއްމަހަށް އަންނަނީ މަޑުމަޑުން އިތުރުވަމުންނެވެ.
މި ގޮތުން ޖުލައި މަހުގެ ފަހު 15 އިގައި 1752 ފަތުރުވެރިން ޒިޔާރަތްކުރިއިރު, އޮގަސްޓުމަހު ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 7628 އަށް އަރައެވެ. ހަމައެއާއެކު ސެޕްޓެމްބަރުމަހުގައި 9538 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު, އޮކްޓޫބަރުމަހުގެ ދުރަތަމަ ފަސްދުވަހު 3410 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
އެހެންކަމުން ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވައިލިފަހުން މިހާތަނަށް ޖުމްލަ 22007 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
މިހާތަނަށް ޖުމްލަ 22007 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ. އެ ގޮތުން އެ ޤައުމުގެ 3598 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެެވެ. ހަމައެއާއެކު ލިސްޓުގެ ދެވަނައިގައި އެކުވެރި ޢަރަބި ޢިމާރަތް އޮތްއިރު ލިސްޓުގެ ތިންވަނައިގައި އޮތީ އެމެރިކާއެވެ.