ތ.ގުރައިދޫގެ ގެއެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން, އަލިފާން ރޯވި ގޭގެ މީހުން އެދުނު ކަންކަން ބައްލަވަމުން ގެންދަވާކަމަށް ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްްޖެއެވެ.
ގުރައިދޫ ގެއެއްގައި އަލިފާން ރޯވެފައިވަނީ މިއަދު މެންދުރުކުރީ 11:45 ހާއިރުގައިކަމަށް އެ ރަށު ކައުންސިލުން ބުނެފައިވެއެވެ.
އެ ގޭގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވައިލެވިފައިވާ ކަމުގައިވިޔަސް, ގޭގައި ހުރި ހުރިހައި އެއްޗެހިވަނީ އަނދާ ހުލިވެފައިކަމަށް އެ ރށު ކައުންސިލުން ބުނެއެވެ.
ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްނުވާ ކަމަށާއި އެ ގޭގައި ދިރިއުޅޭ ފަރާތްތައް އެހެން ގެއަކަށް ބަދަލުވެފައިވާކަމަށް ވެސް ގުރައިދޫ ކައުންސިލުން ބުނެއެވެ. އަދި އެ މީހުން މިރޭ ތިބޭނެ ތަނެއްގ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ވެސް ގުރައިދޫ ކައުންސިލުން ވަނީ ބުނެފައެވެ.
މި ހާދިސާއާއި ގުޅިގެން ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގުރައިދޫ އައްސޭރިގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެގޭ އައިމިނަތު ދީދީއަށް ފޯނުން ގުޅުއްވުމުން އެދުނު ކަންކަމާއި ގުޅޭ މުއައްސަސާތަކުގައި ދަންނަވައިގެން ބައްލަވަމުން ގެންދަވާކަމަށެވެ.
ނަމަވެސް އައިމިނަތު ދީދީ އެދިފައިވަނީ ކޮން ކަންތައްތަކެއްކަމެއް ޣައްސާން ހާމަކުރައްވާފައެއް ނުވެއެވެ.