މި މަހުގެ 03 ވަނަ ދުވަހު އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނާއި ގުޅިގެން ހައްޔަރުކުރި 14 މީހުންގެތެރެއިން 08 މީހަކު ދޫކޮށްލައިފިއެވެ.
މި ކަން ހާމަކޮށް ފުލުހުން މިރޭ ބުނީ އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނާއި ގުޅިގެން ހައްޔަރުކުރި މީހުންގެތެރެއިން 08 މީހަކު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ މީހުން ދޫކޮށްލާފައިވަނީ ތަޙުޤީޤަށް އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީކަމަށް ވެސް ފުލުހުން ބުނެއެވެ.
މި ގޮތުން ދޫކޮށްލި މީހުންގެތެރޭގައި ޤައުމީ ޓީމުގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޝަމްވީލް ޤާސިމް(ބޮންޑާ) ވެސް ހިމެނެއެވެ.
މި މައްސަލައިގައި 14 މީހުން ހައްޔަރުކުރިއިރު ފުލުހުން ހިންގި އޮޕަރޭޝަނަކީ ސ.ހިތަދޫ/ފިނިފަރު, ޢުމުރުން 33 އަހަރުގެ ޢަބްދުﷲ އިބްރާހިމް އިސްވެ ހުރެގެން ދިވެހިންގެ އިތުރު ބަޔަކާއި ބޭރުގެ ބަޔަކާއި ގުޅިގެން ރާއްޖެއަށް ކަނޑު މަގުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ލިބުމުން ހިންގާފައިވާ އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަންގައި 98.6 ކިލޯ (ވަގުތީ ބަރުދަން) މަސްތުވާތަކެތި ފެނިފައިވާއިރު ފެނިފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި އެމް.ޑީ.އެމް.އޭ އާއި، އެމްފިޓަމިން އާއި ހެރޮއިން ހިމެނޭކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި އިސްކޮށް ހަރަކާތްތެރިވި ޢަބްދުﷲ އިބްރާހިމްއާއި ސ.ހިތަދޫ/ކޯޅި ޢުމުރުން 23 އަހަރުގެ މުޙައްމަދު ޔާމިން ނަޞީރު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ސ.ހިތަދޫ މެޖިސްޓްރޭޓްކޯޓުން ވަނީ އަމުރުކޮށްފައެެވެ.