ކޯވިޑް 19 ގެ ކޭސްތައް އިތުރުވާން ފެށުމާއި އެކު އިޓަލީގެ ހުރިހާ ސަރަހައްދެއްގައު މާސްކު އެޅުން އެގައުމުގެ ސަރުކާރުން މަޖުބޫރު ކޮށްފިއެވެ.
އެ ނިންމުން އިއުލާން ކުރަމުން އިޓަލީގެ ބޮޑުވަޒީރު ގުއިސެއްޕޭ ކޯންޓޭ ވިދާޅުވީ، ކޯވިޑް 19 ގެ ކޭސްތައް ފެނުން މީގެ ދުވަސްކޮޅެއް ކުރިން މަދުވުމަށްފަހު އަލުން ކޭސްތައް އިތުރުވާން ފެށުމުން އެގައުމުގެ ހުރިހާ ހިސާބެއްގައި މާސްކު އެޅުން މަޖުބޫރު ވާނެ ކަމަށާއި، މީހުން އެއްވެ އުޅޭ ތަންތަނުގައި އިޖްތިމާއި ގައިދުރު ކަމުގެ ފިޔަވަޅުތަކަށް އިސްކަން ނުދޭ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅުތައް ވެސް އަޅާނެ ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، މާސްކު އެޅުން މަޖުބޫރު ކުރީ ކޭސްތަކުގެ އަދަދު މަދު ކުރަން ކަމަށާއި، ރައްޔިތުން މިކަމަށް ސަމާލުކަން ނުދޭނަމަ ގައުމު ފުރަބަންދަކަށް ދެވަނަ ފަހަރަށް ގެންދަން ބޭނުން ނުވާތީ ކަމަށެވެ. އަލުން ފުރަބަންދަކަށް ގައުމު ގޮސްފިނަމަ މާލީ ގޮތުން މުޅި ގައުމު އިނދަޖެހުމުގެ ބިރު އެބައޮތް ކަމަށްވެސް އެމަނުކުފާނު ވަނީ ވިދާޅުވެފައެވެ. މިކަމުން އަރައި ގަތުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ނުހަނު ބޭނުން ވާނެ ކަމަށްވެސް އެމަނުކުފާނު ވަނީ ވިދާޅުވެފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އެގައުމުން ވަނީ، 4458 މީހުން ބައްޔަށް ފައްސިވެފައެވެ. އިޓަލީގައި ކޯވިޑް 19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ، 338,398 އަށް އަރާފައެވެ. އޭގެ ތެރެއިން 36,083 މީހަކު ވަނީ މަރުވެފައެވެ.