ކޮވިޑާއި ގުޅިގެން އުފައްދާފައިވާ ރެޕިޑް ރެސްޕޮންސް ޓީމުގެ މެންބަރަކަށް، ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ދިން ހަމަލާގެ މައްސަލަ، ”ރޯޔަލް ގިންތި“ އަށް ފައްތައިގެން ފުލުހުން ތަޙުޤީޤުނުކޮށްފިއްޔާ ކިތަންމެހައި ވެސް ރަނގަޅުކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ހުޅުމާލޭ ފަޅުގައި އަޅާފައިވާ ސަފާރީގައި ކެންޔާ އަންހެނަކު ރޭޕްކުރިކަމަށް ބުނާ މައްސަލައާއި ރައީސްއޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ޙަސަން އިސްމާޢީލް، ދި އެޑިޝަންގެ ނޫސްވެރިޔާ ރާއީ މުނައްވަރަށް ޖިންސީ ފުރައްސާރަކުރިކަމަށް ބުނާ މައްސަލައަށް މިހާތަނަށް އެއްވެސް އިންސާފެއް ލިބިފައިނުވުމާއި ގުޅިގެންނެވެ.
ސަފާރީގައި ކެންޔާ އަންހެނަކު ރޭޕްކުރިކަމަށް ބުނާ މައްސަލައިގައި އެމްޑީޕީގެ ދެ މެންބަރެއްގެ ފިރިކަލުން ހިމެނޭކަމަށް ވެސް ގިނަ ބަޔަކު ތުުހުމަތުކުރެއެވެ. ނަމަވެސް ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން އެ މީހުންނަށް ފިޔަވަޅު ނާޅަނީކަމަށް ވެސް މީސްމީޑިއާގައި، ސަރުކާރަށް ވަނީ ފާޑު ކިޔާފައެވެ.
ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ މައްސަލަތައް ފަދައިން, މަޖިލީހުގެ މެންބަރު އިކްރާމްގެ މައްސަލަ ”ރޯޔަލް ގިންތި“ އަށް ފައްތައިގެން ފުލުހުން ތަޙުޤީޤުނުކޮށްފިއްޔާ ކިތަންމެހައި ވެސް ރަނގަޅުކަމަށް ވިދާޅުވެފައެވެ.
އޭގެ އިތުރުން ޝިޔާމް ވަނީ ފްރަންޓް ލައިނުގަ ވަކިން ޚާއްސަކޮށް ރެޕިޑް ރެސްޕޮންސް ޓީމުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ކޮވިޑުގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިގެން މަސައްކަތްކުރައްވާ ފަރާތްތައްކަން ފާހަގަކުރައްވާފައެވެ. އަދި އެފަދަ ފަރާތްތަކަށް އިޙުތިރާމުކުރަން ޖެހޭކަމަށް ވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.