ޢުމުރުން 03 އަހަރުގެ އިބްތިހާލު މަރައިލި މައްސަލައިގައި އިހުމާލުވިކަމަށް ބުނެ ޖެންޑަރ މިނިސްޓްރީގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އުސޫލުތަކާއި ޚިލާފަށްކަމަށް ސްޕްރީމް ކޯޓުން ކަނޑައަަޅައިފިއެވެ.
އިބްތިހާލު މަރައިލި މައްސަލައިގައި އިހުމާލުވިކަމަށް ބުނެ ވަޒީފާއިން ވަކިކޮށްފައިވަނީ ވ.އަތޮޅު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ސެންޓަރުގެ މުވައްޒަފެކެވެ. އޭނާ ވަކިކޮށްފައިވަނީ އިބްތިހާލަށް ރައްކާތެރިކަން ދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އިހުމާލުވިކަމަށް ބުނެފައެވެ.
ނަމަވެސް އޭނާ އިހުމާލުވިކަމަށް ބުނެ ވަޒީފާއިން ވަކިކޮށްފައިވަނީ އުސޫލުތަކާއި ޚިލާފަށްކަމަށް ނިންމުމަށްފަހު ސްޕްރީމްކޯޓުން ވަނީ އޭނާއަށް އަލުން ވަޒީފާދިނުމަށް ޙުކުމްކޮށްފައެވެ.
މި މައްސަލައިގައި އޭނާ އިހުމާލުވިކަމަށް ބުނެ ވަޒީފާއިން ވަކިކޮށްފައިވަނީ އުސޫލުތަކާއި ޚިލާފަށްކަމަށް ސްޕްރީމް ކޯޓުން ބުނެފައިވާއިރު, މި މައްސަލައިގައި ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްއާއި ހައިކޯޓުން ވެސް ނިންމާފައިވަނީ މި ގޮތަށެވެ.
ސްޕްރީމް ކޯޓުން ކުރި ޙުކުމްގައި ވަނީ އޭނާއަކީ އަލަށް އެ މަޤާމަށް ހަމަޖެއްސި މީހަކަށްވީ ނަމަވެސް, އެ ފަދަ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ އިރުޝާދުތައް އޭނާއަށް ދީފައިނުވާ ކަމަށާއި އެ މައްސަލައިގައި ޢަމަލުކުރަންޖެހޭނީ ވަކިގޮތަކަށްކަމެއް ބަޔާންކޮށްފައި ވެސް ނުވާކަމަށް ބުނެފައެވެ.
އޭގެ އިތުރުން ސްޕްރީމް ކޯޓުގެ ޙުކުމުގައި ވަނީ ގޯސްމަގަކުން ކަމެއް ދިއުމުން އެ ކަމަކީ މުވައްޒަފުގެ އިހުމާލުންވެފައިވާ ކަމެއްކަމަށް ބުނެ ކަންހިނގައި ދިޔަގޮތުގެ ޒިންމާ ނުވަތަ އެއިން ބައެއް އެފަދަ މުވައްޒަފެއްގެ ބޮލުގައި އެޅުވުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށެވެ.