ވިލިމާލޭ ކުޑަކުދިންގެ ހިޔާއިން ދެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
މި ކަން ހާމަކޮށް މިނިސްޓްރީ އޮފް ޖެންޑަރ, ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ބުނީ މި މަހުގެ 08 ވަނަ ދުވަހު ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުންގެންދާ ދެ ކުއްޖެއްގެ ކިބައިން ރޯގާގެ އަލާމާތްތައް ފެނިފައިވާކަމަށެވެ.
އެ ގޮތުން ޓެސްޓްކުރުމުން އެ ދެ ކުދިން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ. ނަމަވެސް މިހާރު އެ ކުދިންގެ ހާލު ރަނގަޅުކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.
އެހެންކަމުން އެޗްޕީއޭއާއި އެޗްއީއޯސީގެ އިރުޝާދުގެ ދަށުން އެ ދެ ކުދިން ވަކި ފެސިލިޓީއަކަށް ގެންދިއުމަށްވަނީ ނިންމާފައިވާކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.
ޖެންޑަރ މިނިސްޓްރީން ބުނީ ކުޑަކުދިންގެ ހިޔާއަކީ ގިނަ ޢަދަދެއްގެ ކުދިން އެކުގައި ދިރިއުޅޭ ތަނަކަށްވާތީ އެ ތަނުގައި ތިބޭ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޗްޕީއޭއާއި އެޗްއީއޯސީއިން ދީފައިވާ އިރުޝާދާއި އެއްގޮތަށް ތަނުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން ކަމާބެހޭ އިދާރާތަކާއި މޮނިޓަރކުރުމުގެ ޒިންމާ އަދާކުރާ ފަރާތްތަކަށް އެންގުމަށްފަހު ޕޮޒިޓިވްވި ކުދިންނާއި އެއް ފަންގިފިލާގައި ދިރިއުޅެމުންދާ ކުދިންނާއި އެ ކުދިން ބެލެހެއްޓުމަށް ތިބޭ ކެއަރ ވޯކަރުންނާއި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ އެހެން ކުދިންނާއި ބައްދަލުނުވާނެގޮތަށް އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ބުނެއެވެ. އަދި މި ވަގުތަށް ކުޑަކުދިންގެ ހިޔާއަށް ވަދެނިކުމެ އުޅުން މެދުކަނޑާލާފައިވާއިރު ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންގެ ބެލެނިވެރިންނަށް އެ ކުދިންގެ މަޢުލޫމާތު ހިއްސާ ކުރަމުން ގެންދާނެކަމަށާއި ކަމާއި ގުޅުންހުރި ސައްހަ މަޢުލޫމާތު އެ ސާރވިސް ގުޅިގެން ހޯދުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާކަމަށްވެސް ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައެވެ.
ވިލިމާލޭ ކުޑަކުދިންގެ ހިޔާއިން ދެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ތިބި ކުދިންތަކަކާއި މުވައްޒަފުންތަކެއް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.