އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އައު ގައިޑްލައިންއާއި އެއްގޮތަށް ފަރިތަކުރުންތައް ފަށައިފިއެވެ.
އިއްޔެ ހަވީރު ޓާފް ދަނޑުގައި ފަރިތަކުރުންތައް ފެށި މާޒިޔާގެ މީޑީއާ އޮފިސަރު ހަސަން ޝިފާން ވިދާޅުވީ، ކޯވިޑް 19 ގެ މިހާލަތުގައި ފުޓުބޯޅައިގެ ކަންކަން އަލުން ފެށުމަކީ ލިބުނު ހިތްހަމަ ޖެހުމެއް ކަމަށާއި، ފަރިތަކުރުންތައް ފަށާފައި މިވަނީ އެޗްޕީއޭގެ އެންގުންތަކަށް ފުރިހަމައަށް ބޯލެނބުމާއި އެކު ކަމަށެވެ. މީގެ އިތުރުން އޭނާ ބުނެފައިވަނީ، ޓީމުގެ ހުރިހާ ކުޅުންތެރިންނަށް އަބަދުވެސް ނަސޭހަތްތެރި ވަމުން ދާކަމަށާއި، އެމީހެއްގެ ފަރުދީ ޒިންމާ ނަގާ، ގެއިން ބޭރުގައި އުޅޭވަރު މަދުކުރުމަށްވެސް ނަސޭހަތް ދެމުންދާ ކަމަށެވެ. އަދި ޓީމުގެ ހުރިހާ ކުޅުންތެރިންވެސް މިކަން މިގޮތަށް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ކޯވިޑް 19 ގެ ސަބަބުން މެދުކަނޑާލި ފުޓުބޯޅައިގެ ހަރަކާތައް އަލުން ފެށުމަށް މަސައްކަތް ކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށާއި، ވަކިން ހާއްސަކޮށް މިނިސްޓަރ މަހުލޫފް، އެޗްޕީއޭ އަދި އެފްއޭމްގެ ރައީސް ބައްސާމް އަށް ޝުކުރު އަދާ ކުރާކަމަށްވެސް ޝިފާން ވަނީ ވިދާޅުވެފައެވެ.
ކޯވިޑް 19 ގެ ސަބަބުން ކުޅިވަރުގެ ހުރިހާ ހަރަކާތެއް ވަނީ ހުއްޓާލާފައެވެ. އޭގެ ސަބަބުން ގިނަ ޓީމު ތަކަކުން ވަނީ އެކަމުން އަރިގަތުމަށް ބޮޑެތި ގޮންޖެހުން ތަކަކާއި ކުރިމަތި ވެފައެވެ. އެފްއޭއެމް އިން ޑިސެމްބަރު މަހު ސީޒަން ފެށުމަށް ތައްޔާރު ވަމުންއަނައިރު މިދިޔަ ހަފްތާގައި ފަރިތަކުރުންތައް އައު ގައިޑްލައިންގެ ދަށުން ކުރިއަށްގެންދިޔުމުގެ ހުއްދަ އެޗްޕީއޭއިން ވަނީ ދީފައެވެ.