ގިނިހިލަ ހޯދުމުގެ ޕްރޮގްރާމެއް ރާއްޖޭގައި ފެށުމަށް އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ނިންމައިފިއެވެ.
އައިޖީއެސްގެ ފަރާތުން މިކަމާއި ގުޅިގެން ބުނެފައިވަނީ، މިއީ ރާއްޖޭގައި މިހާތަނަށް ހިންގޭ މިފަދަ ފުރަތަމަ ޕްރޮޖެކްޓު ކަމަށާއި، ގްރޭޑް 8-12 ގެ ދަރިވަރުންނަށް މި ޕްރޮގްރާމް މެދުވެރިކޮށް، މިހާތަނަށް ދުނިޔެއިން ހޯދާފައިނުވާ ގިނިހިލައެއް ހޯދުމުގެ ތަމްރީން ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން ތަމްރީން ފުރިހަމަ ކުރާ ފަރާތްތަކަށް، އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ސެޓްފިކެޓެއް ލިބޭނެ ކަމަށްވެސް އައިޖިއެސް އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އައިޖީއެސް އިން ބުނެފައިވަނީ، މިއީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ބޭނުން ކުރެވެމުންދާ ޓެލެސްކޯޕުތަކުގެ ބޭނުން އޮންލައިންކޮށް ބޭނުންކޮށްގެން ހިންގޭ ތަމްރީން ޕްރޮގްރާމެއް ކަމަށާއި، މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުން އެއްވެސް އަގެއް ދައްކަން ނުޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މާދަމާ މެންދަމު 12 ގެ ކުރިން igsmaldives@gmail.com އަށް ސީވީ އީމެލް ކުރަންވާނެ ކަމަށް އައިޖީއެސްއިންވަނީ ބުނެފައެވެ.
އައިޖީއެސްގެ ފައުންޑަރ ރިފްއަތު މުހައްމަދު ވިދާޅުވީ، މިއީ ހިލޭސާބަހަށް ހިންގޭ ޕްރޮގްރާމެއް ކަމަށާއި، އެއްވެސް އަގަކާއި ނުލާ ވޮލެންޓިއަރުންނަށްވެސް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި ކުދިން ތަމްރީން ކުރުމަށް ވޮލެންޓިއަރުން ހޭދަ ކުރަންޖެހޭނީ މަހަކު 4 ގަޑިއުރު ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.