ނަފްސާނީ ދުޅަހެޔޮކަމަށް ދޭ އަހަންމިއްޔަތުކަން ކުޑަ ކުރެވިއްޖެކަމަށްވާނަމަ, ކޮވިޑުގެ މި ހާލަތުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ މުހިންމު އެއްބައި އުނިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިހެން ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވިއަން ރެޑް ކްރެސެންޓުން އިސްނަގައިގެން އޮންލައިންކޮށް ބޭއްވި ވެބިނާރގައި ދެއްކެވި ވާހަކަފުޅުގައެވެ.
ފަޒްނާގެ އިތުރުން މި ވެބިނާރގައި ރައީސް އޮފީހުގެ އަންޑަރސެކްރެޓަރީ ޑރ.ޢަބްދުލްމަލިކާއި, މޯލްޑިވިއަން ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް ފާޠިމަތު ހިމްޔާއާއި, ޔުނިސެފްގެ ޕްރޮގްރާމް ސްޕެޝަލިސްޓް ޝަހުލާ އަޙްމަދާއި, ސެންޓަރ ފޮރ މެންޓަލް ހެލްތުގެ އިސްވެރިޔާ ޑރ.ޝަނޫހާ މަންސޫރާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ އާމިނަތު ޝަހުޒާ ވެސް ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.
މި ވެބިނާރގައި ވާހަކަދައްކަވަމުން ފަޒްނާ ކޮވިޑް ފަދައިން ކުރިއަށްއޮތްތަނުގައި ވެސް ދިމާވެދާނެ އެފަދަ ސިއްހީ ކާރިސާއަކުން ރައްކާތެރިވުމަށްޓަކައި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރާ ހޭދައަކީ ހަމައެކަނި މާލީގޮތުން ކުރާ އިންވެސްޓްމަންޓަކަށް ވެގެންނުވާނެކަމަށެވެ.
އޭގެ ބަދަލުގައި ހެޔޮ ބަދަލެއް ގެނައުމަށް ވަގުތާއި ޚިޔާލާއި އިޚުލާސްތެރިކަމަށް ވެސް އިންވެސްޓުކުރަން ޢަޒުމް ކަނޑައަޅަންޖެހޭކަމަށް ވެސް ފަޒްނާ ވިދާޅުވިއެވެ.
ފަޒްނާ ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަށް ދޭ އަހަންމިއްޔަތުކަން މިހާރު ކުޑަ ކުރެވިއްޖެކަމަށްވާނަމަ, ކޮވިޑުގެ މި ހާލަތުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ މުހިންމު އެއްބައި އުނިވެގެންދާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް ކޮވިޑާއި ގުޅިގެން ނަފްސާނީގޮތުންނާއި އިޖްތިމާޢީ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ނިޒާމެއް ޤާއިމުކޮށްފައިވާތީ އެކަމާ އުފާކުރައްވާކަމަށް ވެސް ފަޒްނާ ވިދާޅުވިއެވެ.
އޭގެ އިތުރުން ފަޒްނާ ވަނީ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމާއި ގުޅޭ ޤައުމީ ފެންވަރުގެ ސިޔާސަތުތަކެއް ވީހާވެސް އަވަހަށް ތަންފީޒުވެގެން ދިޔުމަކީ އުންމީދުކުރައްވާކަމެއްކަމަށް ވިދާޅުވެފައެވެ.
އެ ގޮތުން ނަފްސާނީ ގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ބާރުވެރިކަމެއް ލިބިގެންދާނެކަމަށް ދެކެވަޑައިގަންނަވާކަމަށާއި ނަފްސާނީ ބަލިތަކަށް ފަރުވާދެއްވާ ފަރާތްތަކަށް ޚާއްސަކޮށްގެން ”ކޯޑް އޮފް އެތިކްސް“ އެކުލަވައިލެވޭނެކަމަށް ވެސް ފަޒްނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ފަޒްނާ ވަނީ ނަފްސާނީ ޞިއްހަތު ކުރިއެރުވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.