ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައިދިނުމަަށް އެދި ސިވިލް ކޯޓުގެ ކުރީގެ ގާޟީ މުޙައްމަދު ޙަލީމު ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބުރާސްފަތި ދުވަހު ފަށަން ނިންމައިފިއެވެ.
މެންބަރު ޔަޢުޤޫބްގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައިދިނުމަަށް އެދި ސިވިލް ކޯޓުގެ ކުރީގެ ގާޟީ މުޙައްމަދު ޙަލީމު ސްޕްރީމް ކޯޓަށް މައްސަލަ
ހުށަހަޅުއްވާފައިވަނީ ޗާޓަޑް އެކައުންޓެންޓުންގެ ޤާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލު މެންބަރަކަށް ޔަޢުޤޫބު ޢައްޔަންކުރެއްވުމާއި ގުޅިގެންނެވެ.
މުޙައްމަދު ޙަލީމު ހުށަހެޅުއްވި މި މައްސަލައިގައި ވަނީ ޤާނޫނު އަސާސީގެ 73 ވަނަ މާއްދާގެ(ރ)އާއި ޔަޢުޤޫބު ޚިލާފުވެވަޑައިގެންފައިވާތީ އެ ބޭފުޅާގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައިދެއްވުމަށެވެ.
މި މައްސަލައިގެ އަޑުއެހުމެއް އަންނަ ބުރާސްފަތިދުވަހުގެ ހެނދުނު 09:00 އަށް ތާވަލްކޮށް މުޙައްމަދު ޙަލީމަށް މިހާރު ވަނީ އަންގާފައެވެ.
މި މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު ޔަޢުޤޫބް ވަނީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލު މެންބަރުކަމުން އިސްތިއުފާ ދެއްވާފައެވެ.