އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ސެކްރެޓްރީ ޖެނެރަލް އެ ކޮމިޝަނުގައި ގިނަ ދުވަސް ވަންދެން މަސައްކަތް ކުރި މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، އެކަމާ ގުޅޭ ލިޔެކިޔުންތައް ފޯރޖް ކުރި މައްސަލައެއް ފެންމަތިވެއްޖެވެ.
އެނގިފައިވާ ގޮތުގައި އެ މުވައްޒަފު އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަކިކުރިއިރު، އޭސީސީގައި މަސައްކަތް ކުރަމުންދާތާ 5 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
އެ މުވައްޒަފު ވަޒީފާއިން ވަކިކުރިއިރު، ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ވަޒީފާއިން މީހަކު ވަކިކުރާނަމަ ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތުތައް ފުރިހަމަ ކޮށްފައެއް ވެސް ނުވެއެވެ. މި މައްސަލަ 21 އޭޕްރިލް 2019 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅުމުން އޭސީސީގެ އޭރުގެ ސެކްރެޓްރީ ޖެނެރަލް ލިޔުންތައް ފޯރޖުކޮށް ޓްރައިބިއުނަލްއަށް އެ ލިޔެކިޔުންތައް ހުށައަޅާފައެވެ.
އެގޮތުން ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ލިޔުމުގައި ސޮއި ކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ރަޝީދުކަން ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ އަކީ އޭސީސީގެ ކުރިގެ ދައުރުގައި ވެސް އަދި މި ދައުރުގެ މެންބަރުންނާއެކު މަސައްކަތް ކުރެއްވުމަށްފަހު، ދައުރު ހަމަކޮށް ވަކި ބޭފުޅެކެވެ.
އޭނާ ފޯރޖު ކޮށްފައިވަނީ ވަޒީފާއިން ވަކި ކުރި މުވައްޒަފަށް ލިޔުމުން އިންޒާރު ދިންކަމުގެ ލިޔުމެވެ. އެގޮތުން އެ ލިޔުމުގައި އެފަދަ އެހެން ލިޔުންތަކާ ތަފާތު އެތައްކަމެއް ފާހަގަ ކުރެވިފައިވާ އިރު، އެ ލިއުމާ ޙަވާލުވި މީހެއް އެނގޭކަށް ނެތެވެ. އަދި އެ ލިޔުމުގެ ލެޓަރހެޑް ވެސް އެހެން ލިޔުންތަކާ ތަފާތެވެ.
މުވައްޒަފު ވަޒީފާއިން ވަކިކުރި މައްސަލައިގައި ވަޒީފާއާބެހޭ ޓަރައިބިއުނަލްއަށް ހުށަހެޅި ހިނގަމުންދާ މައްސަލައިގައި އޭސީސީގެ ފަރާތުން ވަކާލާތު ކުރުމަށް ޢަބްދުﷲ ރަޝީދު ވަޑައިގަތުމުން އެ މައްސަލައިގައި ޢަބްދުﷲ ރަޝީދަށް އޭސީސީ ތަމްޞީލް ނުކުރެވޭނެ ކަމަށް 17 އޮކްޓޯބަރ 2019 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަނީ ނިންމާފައެވެ.