އިންޑިއާގެ ސިނަމާތައް ހުޅުވުމުގެ ހުއްދަ އެގައުމުގެ ސަރުކާރުން ދިނުމާއި ގުޅިގެން އެގައުމުގެ ފިލްމު އިންޑަސްޓްރީއަށް ވަނީ އަލުން ދިރުން ލިބިގެން ގޮސްފައެވެ. އެގޮތުން މިއަހަރާއި، އަދި އަންނަ އަހަރުގެ މެދު ތެރެއާއި ހަމައަށް އެގައުމުގެ ސިނަމާތައް ވަނީ ފިލްމުތައް އެޅުވުމަށް ފުރިބާރުވެފައެވެ.
އެގޮތުން ގިނަބަޔަކު އިންތިޒާރު ކުރަމުންދިޔަ ފިލްމު ”ކާލީ ޕީލީ“ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން އިންޑިއާގެ ސިނަމާތަކުގައި ދައްކަން ފަށާނެ ކަމަށް އެފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ އިއުލާން ކޮށްފައެވެ. މި ފިލްމަކީ އަލީ އައްބާސް ޒަފަރާއި ޒީ ސްޓޫޑިއޯސް ގުޅިގެން ޕްރޮޑޮއުސްކޮށް، މަގުބޫލް ޚާން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
މީގެ ކުރިން، ”ކާލީ ޕީލީ“ ވަނީ ބެންގަލޫރުގެ ޑްރައިވް އިން ތިއޭޓާތަކުގައި ވެސް އަޅުވައިފައެވެ. މީގެ އިތުރުން އޮސްޓްރިއާ ސިންގަޕޫރު ނެންދަލެންޑްސް މޮރީޝަސް އަދި އެފްރިކާގައިވެސް ”ކާލީ ޕީލީ“ ވަނީ އަޅުވައިފައެވެ.
އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދެމުން، އެފިލްމުގެ ޑައިރެކްޓަރ މަގުބޫލު ޚާން ބުނެފައިވަނީ ފިލުމު ކާމިޔާބުވުމުގެ ހުރިހާ ތައުރީފެއް ހައްގުވަނީ އިޝާންއާއި އަނަނިޔާއަށް ކަމަށެވެ. އެ ދެ ފަންނާނުންނަކީ ޒުވާން، ޖޯޝުހުރި ހުނަރުވެރި ފަންނާނުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.