ނ. އަތޮޅު މަނަދޫގައި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރެޓީ (މީރާ) ގެ ކަލެކްޝަން ސެންޓަރެއް ރަސްމީކޮށް ހުޅުވައިފިއެވެ.
އެރަށުގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމީޔާތުގައި، އެސެންޓަރު ހުޅުވައިދެއްވީ، ނ. އަތޮޅު ކައުންސިލުގެ ރައީސް، އަލްފާޟިލް ޢަލީ ޘާފިރުއެވެ.
މިކަމާއި ގުޅިގެން މީރާއިން ބުނެފައިވަނީ ހުޅުވުގެންދިޔަ ސެންޓަރުގެ ބޭނުމަކީ އެ ސަރަހައްދަށް ނިސްބަތްވާ ރައްޔިތުންނަށް ފަސޭހަ ކަމާއި އެކު ހިދުމަތް ހޯދުމަށް މަގުފަހި ކުރުމުގެ ބޭނުމުގައި ހުޅުވުނު ކަލެކްޝަން ސެންޓަރެއް ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިކަހަލަ ސެންޓަރު ތަކެއް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން މީރާއިން ބުނެފައިވަނީ، އަތޮޅުތަކުގައި ހުޅުވާފައިވާ މީރާގެ އޮފީސްތަކުން، މާލޭގައި ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ޚިދުމަތްތަކެއް ލިބޭނެކަމަށާއި، ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާ ގުޅުންހުރި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވާނެކަމަށް މީރާއިން ބުނެފައި ވެއެވެ.
މީރާއިން މިހާތަނަށް ރާއްޖޭގެ 16 އަތޮޅެއްގައި 17 އޮފީސް ގާއިމުކޮށް އެ އޮފީސްތަކުގެ ހިދުމަތް ރައްޔިތުންނަށް ދިނުމަށް ވަނީ ފަށާފައެވެ.