ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ޝަރީޢަތަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ އެކި ލެވެލްގައި، ޚާއްޞަކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އެކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް މިމަހުގެ 8 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ޙުކުމާ ގުޅިގެން ހައިކޯޓުގައި ކުރިއަށްދާ ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައަށް ނުފޫޒުފޯރުވުމަށް ޖޭއެސްސީން މަސައްކަތް ކުރާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި، މިއީ ސުޕްރީމްކޯޓުން ދަށު ކޯޓުގެ ޙުކުމަށް ތާއީދު ކުރުމާއެކު، ރައީސް ޔާމީނަށް ކޮށްފައިވާ ޙުކުމަކީ ސިޔާސީ ޙުކުމެއްކަން ދިވެހި ރައްޔިތުންނަށް އިތުރަށް ޔަޤީންވެފައިވާ ދަނޑިވަޅެއްގައި ޖޭއެސްސީގެ އިސްވެރިންނާއި މިސަރުކާރުގެ އިސްވެރިން ގޮތްހުސްވެގެން ކުރަމުންދާ ވަރަށް ދަށުދަރަޖައިގެ ޢަމަލެއް ކަމަށެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުންނަށާއި ކޯޓުތަކަށް ނުފޫޒު ފޯރުވުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، ޤާނޫނު އަސާސީގެ 157ވަނަ މާއްދާގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ މުސްތަޤިއްލު، ވަކި ފަރާތަކަށް ބުރަ ނުވާ މުއައްސަސާއެއްގެ ގޮތުގައި ބަޔާންކުރެވިފައި ވާކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެމަނިކުފާނުގެ ލޯޔަރުންނާއި، މިސަރުކާރަށް ތާއީދުކުރާ ފަރާތްތައް ޖޭއެސްސީގެ މެމްބަރުންގެ ގޮތުގައި ތިއްބަވައިގެން ރައީސް ޔާމީންގެ ޝަރީޢަތަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދިއުމުން، މިސަރުކާރުން ޝަރުޢީ ނިޒާމުގެ ތެރެއަށް ބާރުފޯރުވާފައިވާ މިންވަރު ވަރަށް ސާފުވާކަމަށްވެސް އެކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސް ޔާމީންގެ ޝަރީޢަތަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަނީ، އެމަނިކުފާނު ޖަލުގައި ޤައިދުކޮށް ބަހައްޓައިގެން، ދިވެހިރާއްޖެ އަވަށްޓެރި ޤައުމަކަށް ވިއްކާލުމާއި، ސަރުކާރުން ބޭނުންވާހާ ކަންކަން ކުރުމަށް ފުރުޞަތު ތަނަވަސްކުރުމުގެ ގޮތުން ކަމަށާއި، އަދި އެމަނިކުފާނު ދޫކޮށްލައިފިނަމަ މިކަންކަމާ ދެކޮޅަށް އަދި ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ސާބިތު ކަމާއެކު ތެދުވާނެކަން މިސަރުކާރަށް ޔަޤީންވާތީ ކަމަށްވެސް ބަޔާނުގައިވަނީ އިތުރަށް ފާހަގަ ކޮށްފައެވެ.