ދަނޑުވެރިކަން ކުރުމަށް ސަރުކާރުން ދީފައިވާ ރަށްތަކުގައި ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ކަންކަން ނުކުރާނަމަ އެރަށްތަށް އެފަރާތްތަކުގެ އަތުން އެ ރަށްތައް ނަގާނެ ކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެކަމަނާ ވިދާޅުވީ، މިހާތަނަށް ދަނޑުވެރިކަން ކުރުމަށް 83 ރަށެއް ދަނޑުވެރިކަން ކުރުމަށް ދީފައިވާ ކަމަށާއި، އެހެން ނަމަވެސް ބައެއް ފަރާތްތަކުން ވެފައިވާ އެއްބަސްވުންތަކާއި ހިލާފުވަމުން ދާކަން ފާހަގަ ކުރެވޭ ކަމަށެވެ. މީގެ އިތުރުން އެކަމަނާ ވިދާޅުވީ، ސަރުކާރުން ދަނޑުވެރި ކަމަށް ދޫކޮށްފައިވާ ގިނަ ރަށްރަށުގައި މިހާރުވެސް ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.
މީގެ އިތުރުން އެކަމަނާ ވިދާޅުވީ، ދަނޑުވެރި ކަމަށް ދޫކޮށްފައިވާ ރަށްތަކުގައި، ބައެއް ފަރާތްތަކުން ވެފައިވާ އެއްބަސްވުމާއި ހިލާފު ވަމުންދާ ކަމަށާއި، އެފަރާތްތަކަށް މުހުލަތެއް ދިނުމަށްފަހު އެރަށްތައް ނަގަމުން ދާނެ ކަމަށެވެ. އަދި ރަށްތައް ނެގުމަށްފަހު އެހެން ފަރާތްތަކަށް އެރަށްތައް ދަނޑުވެރިކަން ކުރުމަށް ދެވިގެންދާނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ޒަހާ، މަޖިލީހުގެ ތަޅުމުގައި ޖަވާބު ދެއްވަމުން ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފަޅު ރަށްތައް ދަނޑުވެރިކަން ކުރުމަށް ދިނުމަށް ނިންމާފައިވާ ކަމަށާއި، މިހާރު އެރަށްތައް ސާވޭ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސަރުކާރުން ވަނީ ކޯވިޑް 19 ގެ ސަބަބުން ދަނޑުވެރިކަން ކުރުމަށް މީހުން ދިރިއުޅޭ ރަށްތަކުގައިވާ ހުސްބިންތައް އެއްވެސް އަގަކާއި ނުލާ 3 އަހަރު ދުވަހަށް ދިނުމަށް މީގެ ކުރިން ވަނީ ނިންމާފައެވެ.