ދިވެހި ފުލުހުންގެ އިދާރާއިން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން އުޅޭ ވަކި ތަނެއް ނޭނގޭ މީހަކު ހޯދަން ފުލުހުންގެ އިދާރާއިން މިއަދު އިއުލާން ކޮށްފިއެވެ.
ފުލުހުން ކުރި އިއުލާނުގައި ބުނެފައިވަނީ ސ. ހިތަދޫ، އޯކިޑްވިލާ، މޫސާދީދީ (51އ) އަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ މީހެއް ކަމަށާއި، އެހެން ކަމުން ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
އެއިދާރާއިން އިތުރަށް ބުނެފައިވަނީ، މޫސާދީދީ އަކީ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާއި ގުޅިގެން ހޯދަމުންދާ މީހެއް ކަމަށާއި، 18 އޮކްޓޯބަރު ގެ ހެނދުނު 10:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް އައުމަށް އަމުރު ކުރާ ކަމަށެވެ. އަދި މިމީހާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންނަށް އެކަން އެންގުމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ.