ކެބިނެޓްގައި ކިތަންމެ ބާރުގަދަ މިނިސްޓަރަކު ހުންނެވިކަމަށް ވިޔަސް އެމްޑީޕީންވެފައިވާ ވަޢުދާއެއްގޮތަށް، ވައްކަންތައް ހުއްޓުވާނެކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު(ބޮންޑެ) ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނުޙައްޤުން މުއްސަނދިކަން ހޯދުމުގެ ބިލަށް ބަހުސްކުރައްވަމުން ރަޝީދު ވިދާޅުވީ ނުޙައްޤު މުއްސަނދިކަމާއި އަދާކުރާ ވަޒީފާއާއި ނުބައްދަލު މުއްސަނދިކަން ހޯދުން ވަނީ ޢާންމުވެފައިކަމަށެވެ.
އެގޮތުން ސަރުކާރުގައި ކިތަންމެ ބާރުގަދަ ވަޒީރަކު ހުންނެވި ކަމުގައި ވީނަމަވެސް އެމްޑީޕީން ވައްކަން ހުއްޓުވުމަށް ވެފައިވާ ވައުދާ އެއްގޮތަށް ވައްކަމަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރާނެކަމަށް ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވި ގޮތުގައި ވައްކަންތައް ހުއްޓުވަން މިއަދު ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު ހުރަހަކީ ”ބްރޯ“ ހެދިގެން އުޅޭ މީހުންނެވެ. އެ ގޮތުން އެފަދަ މީހުންގެ ސަބަބުން ވައްކަމަށް ފުރުސަތު ލިބެމުންދާކަމަށް ރަޝީދު ވިދާޅުވިއެވެ.
ނަމަވެސް ކޮންމެ ”ބްރޯ“ އެއް ހުރިޔަސް އެކަމާ “ފައިޓް“ ކުރައްވާނެކަމަށް ވަރަށް ޢަޒުމާއެކު ރަޝީދު ވިދާޅުވިއެވެ.
”ފާއިތުވެދިޔަ ވެރިކަންތަކުގައި ވައްކަމަށް ހުޅުވި ދޮރުތައް ބަންދުކުރާނަން، އެކަން ކުރާކަށް އަޅުގަނޑުމެން ފަހެއް ނުޖެހޭނަން، ވަރިހަމަ ކޮންމެ ބްރޯއެއް ހުއްޓަސް، ކޮންމެ މީހަކު ހުއްޓަސް އަޅުގަނޑުމެން އެކަމާ ފައިޓްކުރާނަން…(ރަޝީދު)
ވަރަށް ޖޯޝުގައި ވާހަކަދައްކަވަމުން ރަޝީދު ވިދާޅުވީ ވޭތުވެދިޔަ ތަނުގައި ވައްކަންކުރިހެން, އެކަން ކުރާކަށް ދެނެއް ނުކެރޭނެ ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކާއި, މަތީ މަޤާމުތަކުގައި މިއަދު ތިއްބެވި ބައެއް ބޭފުޅުން ކުރައްވަމުން ގެންދަވާ ވައްކަންތައް ހުއްޓުވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަރިހުން އެދިވަޑައިގަންނަވާފައިވާނެކަމަށް ވެސް ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވި ގޮތުގައި މިއަދު ވެސް ފެނިގެންދަނީ ކުންފުނިތަކަށް ބޭނުންވާ ސާމާނުގެނައުމަށްފަހު އިޢުލާނުކޮށް ބިޑަށް ހުޅުވައިލާ މަންޒަރެވެ. އެ ގޮތުން މިއީ ވައްކަމަށް ހުޅުވޭ އިތުރު ދޮރެއްކަމަށް ވެސް ރަޝީދު ވިދާޅުވިއެވެ.
ވައްކަންތައް ހުއްޓުވަން މިއަދު ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު ހުރަހަކީ ”ބްރޯ“ ހެދިގެން އުޅޭ މީހުންކަމަށް ރަޝީދު ވިދާޅުވާއިރު، ރައީސް ނަޝީދުވަނީ އެމްޑީޕީތެރޭގައި ”ބްރޯ“ ހެދިގެން ނޫޅުއްވުމަށް މިނިސްޓަރި ފައްޔާޒަށް އަންގަވާފައެވެ.
ސަރުކާރުގެ މުޢައްސަސާތަކުގައި ކޮރަޕްޝަންގެ ޢަމަލުތައް އިތުރުވެފައިވާއިރު، އެފަދަ ކަންކަމުގައި މިނިސްޓަރު ފައްޔާޒަށް ތުހުމަތުުކުރަމުންދެއެވެ. އޭގެ އިތުރުން ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދާއި، ހެލްތު މިނިސްޓަރު އަމީނަށް ވެސް ވަނީ ކޮރަޕްޝަނުގެ ތުހުމަތުތައްކުރެވިފައެވެ.