ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލައިގައި އެ އަންހެންމީހާ ފުލުހުންނަށް ދީފައިވާ ބަޔާނަށް އުނިއިތުރު ގެނެސްފައިވާކަމަށް އޭނާގެ ވަކީލުން ބުނާ ވާހަކަތައް ފުލުހުން މިއަދު ދޮގުކޮށްފިއެވެ.
އެ ބަޔާނަށް އުނިއިތުރު ގެނެސް އޭނާގެ ޤާނޫނީ ވަކީލުންނަށް ފުލުހުން ފުރައްސާރަކުރި މައްސަލައެއް ވަކީލުންގެ ފަރާތުން އެންއައިސީއަށް ވަނީ ހުށަހަޅާފައެވެ. އޭގެ އިތުރުން އެ ވާހަކަތައްދެއްކި ވީޑިއޯ ވަކީލުންގެ ފަރާތުން މީސްމީޑިއާގައި ވަނީ ހިއްސާކޮށްފައެވެ.
މިގޮތުން އެ ކަމާއި ކަންބޮޑުވުން ފާޅުކޮށް ފުލުހުން މިއަދު ނެެރުު ބަޔާނެއްގައި ބުނީ ވީޑިއޯ ކްލިޕަކީ އެ މައްސަލައިގައި ވިކްޓިމްއާއި ސްކައިޕް މެދުވެރިކޮށް ކުރެވިފައިވާ އިންޓަރވިއު ރެކޯޑިންގއަށްފަހު ވިކްޓިމް ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަޔާން ޑްރާފްޓްކުރުމުގެ މަރުހަލާގައި ތަޙުޤީޤުކުރި ފަރާތްތަކުގެ މެދުގައި ދެކެވިފައިވާ ވާހަކަތަކުގެ ވީޑިއޯ ކްލިޕެއްކަމަށެވެ. އަދި ވިކްޓިމްގެ ބަޔާނަށް އުނިއިތުރު ގެނައުމުގެ ގޮތުން ކޮށްފައިވާކަމެއްގެ ގޮތުގައި ދެއްކުމަށް ވިކްޓިމްގެ ވަކީލުން ދައްކަވާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ޙަޤީޤަތާއި ޚިލާފަށް ދައްކާފައިވާ ވާހަކަތަކެއްކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ތަޙުޤީޤަށް ކުރެވިފައިވާ އިންޓަރވިއުއެއްގައި ދައްކާފައިވާ ވާހަކަތައް ބަޔާނެއްގެގޮތުގައި ލިޔާއިރު އެ ވާހަކަތައް އިތުރަށް ސާދާކޮށް ކަށަވަރުކުރުމަށްޓަކައި ތަޙުޤީޤުގައި ބައިވެރިވެފައިވާ ފުލުހުންނާއި ދެމެދު އަބަދުވެސް މަޝްވަރާ ކުރާނެކަމަށާއި ބަޔާންދޭ ފަރާތުން ދޭ ޖަވާބުތަކުގެ މައްޗަށް ފުލުހުން ބަޔާން ޑްރާފްޓްކުރުމަކީ ޢާންމު އުސޫލުންވެސް ޢަމަލުކުރާ ގޮތްކަމަށެވެ. އަދި އެއީ ތަޙުޤީޤަށް ނެގޭ ބަޔާން ބަދަލުކުރުން ނޫންކަމަށް ވެސް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ މީހަކާ އިންޓަރވިއުކުރުމަށްފަހު ފުލުހުން ޑްރާފްޓްކުރާ ބަޔާން އިންޓަރވިއުކުރެވޭ ފަރާތާއި އޭނާގެ ވަކީލުން ބަލައި ޗެކްކުރާނެކަމަށާއި އެއަށްފަހު ގެންނަން ބޭނުންވާ ބަދަލެއް ގެނައުމަށް އެ ފުރުސަތު ފުލުހުން ދޭނެކަމަށެވެ. އަދި ވަކިން ޚާއްސަކޮށް މިހާރު އޮންލައިންކޮށް އިންޓަރވިއުކުރުމަށް ޢަމަލުކުރާ އުސޫލުގައި އިންޓަރވިއުކުރެވޭ ފަރާތުގެ ބަޔާން ޓައިޕުކުރުމަށްފަހު އެ ފަރާތޔން ބޭނުންވާ އިސްލާހުތައް ގެނައުމަށް ބަޔާނުގެ ސޮފްޓް ކޮޕީ މެއިލްކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ވެސް ފުލުުހުން ބުނެއެވެ.
ފުލުހުންގެ ބަޔާނުގައި ވަނީ މުޖުތަމަޢުތެރެއަށް މިގޮތަށް ވީޑިއޯއެއް ޢާންމުކުރުމުން ވިކްޓިމްގެ ޙައްޤުތަކަށް އިތުރު އުނިކަމެއް ލިބޭހެން ކޮށްފައިވާ ޢަމަލެއްކަން ފާހަގަކޮށްފައެވެ. އަދި ފުލުހުންގެ މުއައްސަސާގެ ތަސައްވުރު ކިލަނބުވާގޮތަށް ޙަޤީޤަތާއި ޚިލާފު ތުހުމަތުތަކެއްކޮށް ރައްޔިތުން ފުލުހުންނަށްކުރާ އިތުބާރު ގެއްލުވައިލަން ކޮށްފައިވާކަމެއްކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވަނީ ސިފަކޮށްފައެވެ.
މީގެ އިތުރުން ފުލުހުންގެ ބަޔާނުގައި ވަނީ ވަކީލުންގެ ފަރާތުން އެ މައްސަލަ އެންއައިސީއަށް ހުށަހަޅަން ނިންމާފައިވާތީ އެ ކޮމިޝަންގެ ތަޙުޤީޤަށް ފުރިހަމަ އެއްބާރުލުންދޭނެކަމަށް ވެސް ބުނެފައެވެ.