ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އިޤުތިޞާދީ ހަރަކާތްތައް އަލުން ފަށަންޖެހޭކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ މާލެއާއި ވިލިމާލެއާއި ތިލަފުށްޓާއި ގުޅުވައިލާ ބްރިޖުގެ މަޝްރޫޢުއަށް އިންޑިއާއިން ދިނުމަށް ހަމަޖައްސާފައިވާ 400 މިލއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
މި ގޮތުން މިނިސްޓަރު އަމީރު ވިދާޅުވީ ފަތުރުވެރިކަން ހުއްޓުމަކަށް ގޮސްފައިވާތީ މި އަހަރަށް ލިބޭނެކަމަށް ބަޖެޓުކުރި ޢާމްދަނީގެ %50 އަށްވުރެ ބޮޑުބައެއް މަދުވާނެކަމަށެވެ.
އެހެންކަމުން މި ހާލަތުން އަރައިގަތުމަށް ތައްޔާރުވުމުގެ ގޮތުން ތަރައްޤީގެ މަޝްރޫޢުތައް އަލުން ފަށަންޖެހޭކަމަށާއި މަޝްރޫޢުއަކީ އިޤުތިޞާދު އަނބުރާ އިޔާދަކުރަން ނެގޭ މުހިންމު ފިޔަވަޅެއްކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވިއިރު ވޯލްޑު ބޭންކުން ވަނީ ދުވަހަކު ހާލަތު ދަށަށް ނުދާވަރަށް ކުރިއަށްއޮތްތަނުގައި ރާއްޖޭގެ ކަންކަން ހިނގައިދާނެކަމަށް ބުނެފައެވެ. އެ ގޮތުން ކޮންމެހެން ހިންގަންޖެހޭ މަޝްރޫޢުތައް މެނުވީ ދެންހުރި ކަންކަން ފަސްކޮށްލުމަށް ވެސް ވަނީ އަންގާފައެވެ.